twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޖަވާބުދާރީ ނުވެވޭވަރުގެ ކަމެއް ނޯންނާނެ: ރައީސް

ނަބީލާ އިސްމާޢީލް
Oct 2, 2023
1

ވެރިކަމުގައި ހުންނަވައިގެން ޖަވާބުދާރީ ނުވެވޭވަރުގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށާއި، ރާއްޖެ ދޫކުރައްވާ ވަޑައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެން ކުރެއްވި ހުރިހާ މަސައްކަތްތަކެއްވެސް ކުރެއްވީ ޤާނޫނީ އިމުގެ ތެރެއިންކަމަށާއި ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާކަމަށެވެ. އަދި އެއްވެސް ކަމަކާއި ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިއްޖެނަމަ އެކަމަށް ތައްޔާރަށް ހުންނެވިކަމަށެވެ.

"މިހިރީ ތައްޔާރަށް އެއިން ކޮންމެ ކަމަކަށް ޖަވާބުދާރީވާން، އަޅުގަނޑާ ދޭތެރޭ މައްސަލައެއް ޖެއްސޭވަރު އެއްވެސް ކަމެއް ނޯންނާނެ، ވަރަށް ސާފުކޮށް މި ދެންނެވީ، އެ ހުރިހާ ކަމަކާއި ކުރިމަތިލެވޭނެ. އެއްވެސް ކަހަލަ ކަންބޮޑުވުމެއް އަޅުގަނޑުގެ ނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމުގެ ތެރޭގައި ހިނގާދިޔަ ބައެއް ކަންކަމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން އެކިި ތުހުމަތުތައް ކުރެއްވިކަމަށެވެ. އެގޮތުން ކަނޑުގެ މައްސަލާއާއި، އިންޑިއާގެ ސިފައިންގެ މައްސަލައާއި، ބައެއް އެއްބަސްވުންތަކާއި މެދު ސުވާލުތައް އުފެއްދި ކަމަށާއި، ނަމަވެސް އެކަމުގައިވެސް ޤާނޫނީ އިމުގެ ބޭރުން ކުރެއްވި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވެފައިވާ އެއްބަސްވުންތަކަކީ ކުރީގެ ސަރުކާރުތަކުން ފެށިގެން ވާރުތަވެފައިވާ އެއްބަސްވުންތަކެއް ކަމަށާއި، ގާނޫނީ ގޮތުން ހާމަކުރަންޖެހޭ ހުރިހާ ކަމެއް ހާމަކޮށްފައިވާކަމަށެވެ. އަދި އެލިޔެކިޔުންތައް ސަރުކާރުގެ އިދާރާތަކުގައި ދެން އަންނަ ވެރިކަމަކަށް ފެންނަން ހުންނާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އޭގައި ފޮރުވާފައި އެއްވެސް ކަމެއް ނޯންނާނެ، ނޮވެމްބަރު 17ގެ ފަހުން އެންމެ ލަސްވެގެން، ދެން އަންނަ ސަރުކާރަކަށް ފެންނާނެ، އެ ސަރުކާރަށް އޮންނާނެ އެއަށް ފިޔަވަޅު އެޅެން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިހާބަށްފަހު އެމަނިކުފާނު ރާއްޖެ ދޫކުރައްވާ ފުރައިގެން ގޮސްދާނެކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރާކަމަށެވެ. ނަމަވެސް އެއީ ކުރައްވާނެ ކަމެއް ނޫންކަމަށާއި ފިލައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅެން ޖެހޭވަރުގެ ކަމެއްވެސް ކުރައްވާފައިނުވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"ރާއްޖެ ދޫކޮށް ދާން ޖެހޭ އެއްވެސް ސަަބަބެއް ނެތް، ދިރިއުޅޭނީ ރާއްޖޭގައި، އަދި އުފަން ރަށުގައި މާލޭގައި، ރާއްޖެއިން ބޭރަށް މީހުން ދަތުުރުކުރޭ، ބައެއް ފަހަރު ރާއްޖެއިން ބޭރަށް ދަތުރެއްކޮށްލާނަން،" ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށްފަހު ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355