އެތްލެޓިކްސްގައި ކުޅުދުއްފުއްޓަކީ ފަރުހުވެރި ތާރީހެއް އޮންނަ ރަށެއް ކަމަށާއި އެ ފަހުރު އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކޮށްދިނުމަށް ކުޅުދުއްފުށީގެ އެތްލީޓުންގެ ކިބައިން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު އެދިވަޑައިގަންނަވައިފި އެވެ.
އާދިއްތަ ދުވަހު ކުޅުދުއްފުށީގައި ފަށައި ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ކުޅުދުއްފުށީގެ އެތްލީޓުންނަށް މަރޗަންޑައިސް ހަދިޔާކުރުމަށް މިއަދު ވަކިންވަކިން ވަނީ ހަފްލާތަކެއް ކުރިއަށްގެންގޮސްފަ އެވެ.
އެގޮތުން ޖަލާލުއްދީން ސްކޫލްގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަލީ ވިދާޅުވީ، ގައުމީ ފެންވަރުގައި ބާއްވާ އެކި ކުޅިވަރުތަކުން ކުޅުދުއްފުށީގެ އެތްލީޓުން އަންނަނީ ކާމިޔާބީތައް ހޯދަމުން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އެތްލެޓިކްސްގެ ކުޅިވަރުތަކުން ރަށުގެ އެތްލީޓުން ހޯދަމުންދާ ރަންވަނަތައް އޭނާ ފާހަގަކުރެއްވި އެވެ.
އެތްލެޓިކްސްގައި ކުޅުދުއްފުއްޓަށްކީ ފަހުރުވެރި ސަގާފަތެއް އޮތް އަދި މިއަދާ ހަމައަށްވެސް އެ ސަގާފަތް ދަމަހައްޓަމުން އަންނަ ރަށެއްކަން ފާހަގަކުރައްވާ ޑެޕިއުޓީ މޭޔަރު ވިދާޅުވީ، އެގޮތުގައި އެކަން ދެމެހެއްޓުމަށް މަސައްކަތްކޮށްދިނުމަށް އެތްލީޓުންނާއި ކޯޗުން ކިބައިން އެދިވަޑައިގަންނަވާފަ އެވެ.
މަރޗައިންޑައިސް ހަދިޔާކުރުމުގެ ކަންކަން ދިޔައީ އެކި ސްކޫލުތަކާއި ސިޓީ ކައުންސިލް ހޯލުގައި އެވެ. އެތަކެއް އެތުލީޓުންނަށް ހަދިޔާކޮށްދެއްވީ ކައުންސިލަރުންނެވެ.