އެތްލެޓިކްސް އެސޯސިއޭޝަނުން ކުޅުދުއްފުށީގައި ގައުމީ ފެންވަރުގެ އެތްލެޓިކްސް މުބާރާތެއް ކައިރި މުސްތަގުބަލެއްގައި ބާއްވައިދޭނެކަމަށް އެތްލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު އަޒީލް ވިދާޅުވެއްޖެ އެވެ.
އަހުމަދު އަޒީލް މިހެން ވިދާޅުވީ އެތްލެޓިކްސް އެސޯޝިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން މި މަހު 15 ން 20 އަށް ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މަކިޓަ ޖޫނިއާ ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުން ނެވެ.
"އެސޯސިއޭޝަނުން ކުޅުދުއްފުށީ ކައުންސިލަށާއި ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ އެސޯސިއޭޝަނުން ހިންހާ ގައުމީ ލެވެލްގެ މުބާރާތެއް ކައިރި މުސްތަގުބަލެއްގައި މި ސިޓީގައި ބާއްވައިދޭނެ ކަމުގެ އުފާވެރި ހަބަރު." އެތްލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު އަޒީލް ވިދާޅުވި އެވެ.
އަޒީލް ވިދާޅުވީ މި މުބާރާތް ކުޅުދުއްފުށީ ސިޓީގައި ބާއްވަން ނިންމި ހިސާބުން ފެށިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ރައްޔިތުން ވެފައިވާ ތައްޔާރީއަކީ އެސޯސިއޭޝަނުން ނުހަނު އުފަލާއެކު ފާހަގަކުރާ ކަމެއް ކަމަށެވެ.
މި މުބާރާތަކީ މިހާތަނަށް އަތޮޅު ތެރޭގައި ބޭއްވުނު މުބާރާތެއްގައި އެންމެ ގިނަ އެތްލީޓުން ވާދަކުރި ފަހަރު ކަމަށާއި މި މުބާރާތުގައި 5 ޓީމަކުން 1100 އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވެފައިވާކަން އޭނާ ފާހަގަކުރި އެވެ.
މި މުބާރާތުގައި 37 މީޓް ރިކޯޑްވަނީ ހަދާފަ އެވެ. އަޒީލް ވިދާޅުވީ މި ކަމުން ހާމަވެގެން ދަނީ އެތްލެޓިކްސް މި ސަރަހައްދުގައި ކުރިއަރާފައިވާ މިންވަރާއި މިފަދަ މުބާރާތްތަކަށް ޓީމްތަކާއި ސްކޫލުތަކުން ބޭނުންވެފައިވާ މިންވަރުކަމެވެ. މި މުބާރާތަކީ މިހާތަނަށް ކުޅުދުއްފުށީގައި ބޭއްވުނު އެންމެ ފުރިހަމަ އަދި އެންމެ ކާމިޔާބު މުބާރާތް ކަމަށްވެސް ފާހަކުރި އެވެ.