twitterviber whatsapp telegramfacebookyoutube instagram
28th April 2024

މަޖިލިސް ތަޅުމުގައި އެމްޑީޕީ މެމްބަރުން އިހުތިޖާޖުކުރަނީ

ނަބީލާ އިސްމާޢީލް
Oct 31, 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ ގަރާރު އެޖެންޑާ ނުކުރާތީ، މިއަދުގެ ޖަލްސާ ފެށުމަށް ހުރަސްއަޅައި، އިހުތިޖާޖު ކުރަން ފަށައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ބާކީ އޮތް މުއްދަތަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތަށް ވަޑައިގަތުމަށް ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު މަސައްކަތް ކުރެއްވުމުން އެމްޑީޕީގެ މެންބަރުން ވަނީ ހުރަސް އަޅާފަ އެވެ. މީގެ އިތުރުން މަޖިލީހުގެ އިދާރީ މޭޒު ކައިރީގައި އެމްޑީޕީގެ މެންބަރުން ދަނީ އިހުތިޖާޖު ކުރަމުންނެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވަނިކޮށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުން މިއަދަށް އެޖެންޑާކުރުމުން މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވުމަށް ބަންޑާރަނައިބު ދެއްވި ލަފާފުޅާއެކު ޖަލްސާއަށް ވަޑައިނުގަންނަވަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ނިންމަވާފަ އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހެޅިފައިވާ ގަރާރުގެ މައްސަލަ ނުނިމެނީސް މަޖިލީހުގައި އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭޖީ ލަފާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަމުންދާއިރުު ބަޖެޓު ހުށަހެޅުމަށް އެޖެންޑާކުރި ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވި އެވެ.

މާބޮޑަށް އަޑުގަދަވުމާއެކު މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތިގެން އަފީފް ވަނީ ރިޔާސަތުގެ ގޮނޑިކޮޅު ދޫކުރައްވައި ވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެންމެ ފުރަތަމަ ވެއްދީ މިދިޔަ ޖޫން މަހުއެވެ. ޖުމްލަ 54 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލައާއެކު މަޖިލިސް މަރުތަޅު އެޅި އެތަކެއް ދުވަހެއް ހޭދަވިއެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ބޮޑު ބައްޔާއެކު ރައީސް ނަޝީދަށް ދޫ ދިނުން ނޫން ގޮތެއް ނުފެނި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެ މައްސަލަ އަނބުރާ ގެނައެވެ. އަދި އިންތިހާބުގެ ދެވަނަ ބުރަށް ރައީސް ނަޝީދުގެ ތާއިދުވެސް ރައީސް ސޯލިހަށް ނުލިބި އިންތިހާބުން ބަލިވަޑައިގަތުމާއެކު މި މަހުގެ 12 ވަނަ ދުވަހު ރައީސް ސޯލިހުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މަޖިލީހުން ވަނީ ރައީސް ނަޝީދު ވަކިކުރަން މައްސަލަ ހުށަހަޅައިފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސްދީ އެ މައްސަލަ ކުރިއަށް ގެންދަން މިދިޔަ އާދިއްތަ ދުވަހު ޖަލްސާއެއް ތާވަލުވެސް ކުރިއެެވެ. އެކަމަކު ގަވައިދުގައިވާ ގޮތަށް ރައީސް ނަޝީދު ވަކި ކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ވަޑައިނުގަންނަވާތީ ޖަލްސާ ނުބާއްވަ އެވެ. އަދި އިއްޔެވެސް އީވާ ސަލާމްގައި ހުންނެވުމުން މަޖިލީހަށް ވަޑައެއް ނުގަންނަވާތީ ޖަލްސާ ކުރިއަކަށް ނުގެންދެއެވެ.

އަދި މިއަދަށް ޖަލްސާ އެޖެންޑާ ކުރިއިރު ރައީސް ނަޝީދުގެ މައްސަލައިގެ ބަދަލުގައި އެޖެންޑާ ކުރީ ސަޕްލިމަންޓްރީ ބަޖެޓުގެ މައްސަލައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355