އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހަށް ހުށަހެޅި 2024 ވަނަ އަހަރުގެ ބަޖެޓުގެ ޖުމުލައަކީ 49.5 ބިލިއަން ރުފިޔާއެވެ. މީގެއިތުރުން ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބަޖެޓާ ގުޅޭ ތަފުސީލު ވެސް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާފައިވާއިރު މިއަހަރަށް ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓު ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައެވެ.
ފިނޭންސް މިނިސްޓްރީން ހުށަހެޅީ ޖުމުލަ ރިކަރަންޓު ހަރަދަށް 3.1 ބިލިއަން ރުފިޔާ އަދި، ކެޕިޓަލް ހަރަދުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ ބަޖެޓަށް އިތުރު ކުރަން ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރު ދައުލަތުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ. މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓާ ގުޅޭ އިތުރު މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ބަޔާނާއެކު، މީޑިއާ އަދި އާންމު ފަރުދުންނާ ހިއްސާކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ މައްސަލާގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް މަޖިލީހުގައި ކުރިއަކަށް ނުދެއެވެ.
މަޖިލީހުގެ ގަވާއިދުގައިވާގޮތުން ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ބަޖެޓް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.