twitterviber whatsapp telegramfacebookyoutube instagram
27th April 2024

ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް މާދަމާ ބޭއްވުމަށް ފާސްކޮށްފި

Nov 14, 2023

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް މާދަމާ ބޭއްވުމަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓް ހުށަހެޅުމަށާއި ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަށެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދުގެ ޖަލްސާއަށް ވަޑައިގެން ވަނީ އެ ދެ ބަޖެޓް ވެސް ހުށަހަޅުއްވާފައެވެ. އެމަނިކުފާނު އެ ދެ ބަޖެޓް ވެސް ހުށަހެޅުއްވަނީ މަޖިލީހުގެ ތަޅުމުގެ ތެރޭގައި ޑިމޮކްރެޓްސްގެ މެންބަރުން އަޑުގަދަކޮށް ހަޅުތާލް ކުރަމުން ދަނިކޮށެވެ.

ދެ ބަޖެޓް ހުށަހެޅުމަށް ފަހުގައި ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް ގެންދާނެ ގޮތަކާއި މެދުގައި ގޮތް ނިންމުމަށް މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ މެންބަރުނަށް ހުޅުވާލާފައެވެ.

އެ ފުރުސަތުގައި ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް މާދަމާގެ މަޖިލީހުގެ ޖަލްސާގައި ނިންމައި ބަޖެޓް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ތާއީދުކުރެއްވެވިއެވެ.

އަހުމަދު އަބްދުﷲ ހުށަހެޅުއްވީ ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް މާދަމާ އެއްކޮށް ކުރިއަށް ގެންގޮސް ނިންމާލުމަށެވެ. އަދި އެ ބަޖެޓްގެ މަސައްކަތް ކުރުމަށް ކޮމިޓީއަށް ދެ ދުވަހުގެ މުހުލަތެއް ދިނުމަށެވެ. ބަޖެޓް ބަހުސްގައި ކޮންމެ މެންބަރަށް ދެ މިނެޓް ދިނުމަށް ވެސް ހުށަހެޅުއްވިއެވެ. އަދި ބަޖެޓުގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރުމަށް ފުރުސަތަށް އެދޭ ކޮންމެ މެމްބަރަކަށް ވެސް ދެ މިނެޓު ދިނުމަށެވެ.

މެންބަރު އަބްދުﷲގެ އެ ހުށަހެޅުމަށް ވޯޓަށް އެހުވުން ވޯޓުގައި ބައިވެރިވެފައިވަނީ 38 މެންބަރުންނެވެ. އެ މަގުން ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފާސްވީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުންނެވެ.

ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތަށް ވޯޓަށް އެހުމަށް ފަހުގައި މިއަދު މަޖިލީހުގެ ޖަލްސާ ވަނީ ނިންމާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355