twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރާއްޖެއާއި ތުރުކީގެ ގުޅުމުގެ އާ ބާބެއް ފެށިއްޖެ: ރައީސް

ނަބީލާ އިސްމާޢީލް
Nov 30, 2023

ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް އުފެދި އެކި ދާއިރާތަކުން އެއްބާރުލުމާއި އެކުވެރިކަން ދެމެހެއްޓޭނެކަމަށް ޔަގީންކުރައްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ ގައުމުން ފުރާވަޑައިގަތުމުގެ ކުރިން ކުރެއްވި ޓުވީޓެއްގަ އެވެ. ރައީސް ވިދާޅުވީ ތުރުކީން ފުރާވަޑައިގަންނަވަނީ ކާމިޔާބީތަކަކާ އެކު އެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި ތުރުކީގެ ގުޅުމުގެ އާ ބާބުގެ ނަތީޖާއަކަށް ވެގެންދާނީ މިހާރަށް ވުރެ މާފުޅާދާއިރާއެއްގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދިއުން ކަމަށެވެ.

"ރައީސް އުރުދުޣާނާއި ތުރުކީގެ ވެރިން ރާއްޖެއަށް ދީފައިވާ ހާއްސަ ކަމަށްޓަކައި ދިވެހިންގެ ފަރާތުން ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގަތީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

ރައީސްގެ މިދަތުރުފުޅުގައި ތުރުކީގެ ރައީސް އުރުދުޣާންގެ އިތުރުން އެ ގައުމުން ވަޒީރުންނާ ބައްދަލުކުރައްވާ ރާއްޖެއާއި ތުރުކީއާއި ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައި ބައެއް އެއްބަސްވުންތަކުގައި ސޮއިވެސް ކޮށްފައިވެ އެވެ.

ތުރުކީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ ފަށާ ކޮޕް 28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް ދެން ވަޑައިގަންނަވާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355