twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދު ސާފެއް ނުވޭ: ރައީސް

ނަބީލާ އިސްމާޢީލް
Dec 6, 2023

މިހާތަނަށް ލިބުނު ލިޔުންތަކުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޔަގީން ކުރެވިފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މީގެކުރިން ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ތިބީ 77 އިންޑިއާ ސިފައިންނެވެ.

ނަމަވެސް، ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ލިބުނު ލިޔުންތަކުގައި 77 އިން ފެށިގެން 89 އާ ހަމައަށް ސިފައިންގެ އަދަދު ދައްކާ ކަމަށެވެ.

"އެއަށްވުރެ އިތުރު ވެސް ވެދާނެ. އަޅުގަނޑުމެންނަށް އަދިވެސް ހުރިހާ މައުލޫމާތެއް ސާފުވި ކަމަކަށް ނުބެލެވޭ. އެހެންވެ އަޅުގަނޑު ދެންނެވީ ޔަގީން ކުރަން ބޭނުންވެއޭ. މިއީ އަޅުގަނޑުމެންނަށް ފެނުނު ރޭންޖު އެކަމަކު އެއަށްވުރެ އިތުރު ވެސް ވެދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް އިންޑިއާ އެމްބަސީ އާއި ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީ ހިމެނޭ ޓެކްނިކަލް ކޮމިޓީއަކުން ކުރަމުން އަންނަ ކަމަށާއި އެކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ރައީސް މި ހަފްތާ ނޫސްވެރިންނާއި ބައްދަލު ކުރައްވާ މީގެ ކުރިން ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާއި ގުޅޭގޮތުން އިންޑިއާއާ ރަސްމީކޮށް ވާހަކަދެކެވި، ރަސްމީކޮށް އިންޑިއާ ސަރުކާރަށްވެސް ދެންނެވިފައިވާނެ ކަމަށެވެ.

މިގޮތުން ޓްރާންސިޝަން މުއްދަތުގައި އާއި އޭގެ ފަހުންވެސް އިންޑިއާ ސަފީރާއެކު 4،5 ބައްދަލުވުމެއް އެންމެ އިސް ބައްދަލުވުމެއް ބާއްވާފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު ޖެހިގެން އައި ދުވަހު އިންޑިއާ ސަރުކާރަށް ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުމަށް ރަސްމީކޮށް އެދިވަޑައިގެންވި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އިންޑިއާ ސިފައިން ރާއްޖެެއިން ބޭލުމާއި ގުޅޭގޮތުން އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފެށުމަކީ ރައީސްގެ 100 ދުވަހުގެ ވައުދެކެވެ. ރައީސްގެ ރިޔާސީ ކެމްޕެއިން ދުވަސްވަރު އެތައް ސަތޭކަ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބެ މިހާރުގެ ސަރުކާރުން "އިންޑިއާ އައުޓް" ނަމުގައި ވަރުގަދަ ކެމްޕެއިނެއް ހިންގި އެވެ. އަދި އެކަމާ ދެކޮޅަށް އޭރުގެ ސަރުކާރުން ވެސް މަސައްކަތްކޮށް، ކެމްޕެއިން ހުއްޓުވަން ހަރުކަށި ފިޔަވަޅުތައް އެޅި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355