twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީގައި މިމަސްތެރޭގައި 7 ފިހާރައެއް ފަޅާލައި ވައްކަންކޮށްފި

އަބްދުލް ވާހިދު ޙަސަން
Dec 11, 2023
3

ކުޅުދުއްފުށީގައި މިމަސްތެރޭގައި އާދަޔާ ހިލާފަށް ވައްކަން ގިނަވެ އާއްމުން ކަންބޮޑުވެއްޖެ އެވެ. ކޭއޯއަށް އެނގިފައިވާ ގޮތުގައި މިމަސްތެރޭގައި މިހާތަނަށް ކުޅުދުއްފުށީގައި 7 ފިހާރައެއް ފަޅާލާއި ވައްކަންކޮށްފައިވެ އެވެ.

ސިލްސިލާކޮށް ކުރިއަށްދާ މި ވައްކަންތަކުގައި ފިހާރަތަކަށް އާންމުކޮށް ވަގު ވަދެފައިހުންނަނީ ދަންވަރުގެ ވަގުތުގަ އެވެ. އެކަމަކު މީގެ ދެ ތިން ރޭ ކުރިން ރަތްދޫލަ ފިހާރައަށް ވައްކަން ކުރަން ވަގު ވަދެފައިވަނީ ރޭގަނޑު 7 ޖަހާއެހާއިރު އެ ފިހާރަ ހުޅުވާފަ ހުއްޓަ އެވެ.

މޫނު ނިވާކޮށްގެން ހުރި މީހަކު އެ ފިހާރަށް ވަދެ ސޭޓަށް ވަޅިން ބިރުދެއްކުމަށްފަހު ރުފިޔާތައް ފޭރިގަތީ އެވެ. ފޭރުމުގެ މިފަދަ ރިޕޯޓެއް އެހެން ފިހާރައަކުން ލިބިފައެއް ނުވެ އެވެ.

ރަތްދޫލަ ފިހާރައިގެން އިތުރުން ފްރީޒްލޭންޑް، ފެމެލީ ބޭކަރީ ޝޯ ރޫމް، ސަތޭކަ ޕްލަސް ފިހާރަ، އާޕޮއިންޓް ހާރޑްވެއަރ ފިހާރަ މިމަސްތެރޭގައި ފަޅާލާފައިވެ އެވެ. އަދި ރޭގެ ދަންވަރުގެ ވަގުތުގައި ބަރާބަރު ފިހާރަ އާއި މިންވަރު ފިހާރު ފަޅާލާފައިވެ އެވެ.

ވިޔަފާރިވެރިން މައުލޫމާތުދޭ ގޮތުގައި ގިނަ ފިހާރަތަކަށް ވަގު ވަދެފައިހުންނަނީ ކަތިވަޅި އާއި ދަގަނޑު ބޭނުންކޮށްގެން ދޮރު އިރާލައިގެންނެވެ. އެކަމަކު އާޕޮއިންޓް ހާރޑްވެއަރއަށް ވަގު ވަދެފައި ވަނީ ދޮރުން ބައެއް ތަޅާލައިގެންނެވެ.

ބައެއް ފިހާރަތަކުން ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަގަށް ނަގާފައިވެ އެވެ. ބައެއް ވިޔަފާރިވެރިން މައުލޫމާތުދޭ ގޮތުގައި މި ވައްކަންތަކުގައި އުޅެނީ އެކެއް ނުވަތަ ދެ މީހުން ކަމަށާއި އޭތެރެއިން ބައެއް ވަގުންގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް މި މައްސަލަތަކުގައި މިހާތަނަށް މީހަކު ހައްޔަރުކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355