twitterviber whatsapp telegramfacebookyoutube instagram
27th April 2024

ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ހެދުމަށް އިތުރު ދެ ކުއްޖަކު ރާއްޖެއިން ބޭރަށް ފުރައިފި

Jan 2, 2024

ސަރުކާރުގެ ހަފްތާ 14 ގެ ސިއްހީ ވައުދުގެ ދަށުން ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ދެ ކުއްޖަކު އިއްޔެ ރާއްޖެއިން ބޭރަށް ފުރައިފިއެވެ.

މި މަސައްކަތުގެ ދަށުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރަތަމަ ކުއްޖާ ރާއްޖެއިން ބޭރަށް ފުރީ މިދިޔަ ޑިސެންބަރުމަހުގެ 14 ވަނަ ދުވަހުއެވެ. އަދި އިތުރު ކުދިން އަންނަ ހަފްތާގައި ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މިއާއެކު ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި އެޗް.އެލް.އޭ ޓެސްޓް ހަދާފައި ތިބި އިތުރު ކުދިންގެ ފައިނަލް އެސްސްމަންޓް ހެދުމަށް ރާއްޖެއިން ބޭރުގެ ފަންނީ ޓީމެއް ރާއްޖެ ވަޑައިގެން މިހާރު ވަނީ އެސްސްމަންޓް ހަދާ ހޮވިފައިވާ ކުދިން މި ފަރުވާއަށް ދިޔުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ހެލްތުން މިނިސްޓްރީން ބުނީ، ސަރުކާރުން މިހާރު ދަނީ އެޗް.އެލް.އޭ ހަދަން ބޭނުންވާ ކުދިންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހަދަންޖެހޭ ޓެސްޓްތައް ރާއްޖޭގައި ތިބެގެން ހެދުމުގެ އިންތިޒާމު ހަމަޖައްސަމުންނެވެ. އެގޮތުން ބޭރުގެ ޓީމެއް މި ޖެނުއަރީ މަހު ރާއްޖެވަޑައިގެން އެ ޓެސްޓް ހެދޭނެ އިންތިޒާމް އަދި ސެޓްއަޕް ހަމަޖައްސައި, އެޗް.އެލް.އޭ ހަދަން ބޮޑު ކޭމްޕެއް އަންނަ ފެބްރުއަރީމަހު ބޭއްވުމަށް މިހާރު ރާވާފައިވާ ކަމަށެވެ. މި ކޭމްޕްގައި އެޗް.އެލް.އޭ ހަދަން ނަގާ ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ޓެސްޓް ކުރެވޭނެކަމަށް މިނިސްޓްރީން ބުނެ އެވެ.

ތެލެސީމިއާ ކުދިންނަށް ފަސޭހައިން ބޭހާއި ކޮންސިއުމަބަލް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި, އެސްޓީއޯ އާ އެކު އެއްބަސްވުމެއް ހެދި, ރަށުގައި ތިބެގެން ބޭސްލިބޭނެ އިންތިޒާމް ވެސް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މިހާރު ޕްރައިވެޓް ހެލްތުކެއާރ ނިޒާމުގެ ތެރެއިން ހަދަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޓެސްޓް ކަމަށްވާ "ޓީ 2 ސްޓާރ ޓެސްޓް" ހެދުމަށް ބޭނުންވާ ވަޞީލަތްތައް ސަރުކާރުގެ ހޮސްޕިޓަލުގައި ޤާއިމުކުރެވި އަންނަ ފެބުރުއަރީ މަހު ފެށޭނެއެވެ.

ސަރުކާރުގެ 14 ހަފްތާގެ މި މުހިންމު ވައުދުގެ ދަށުން ވީހާވެސް ގިނަ ކުދިނަނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ސަރުކާރުން ދަނީ މިކަމަށް ބޭނުންވާ އިތުރު ފައިސާ ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ތެލަސީމިއާއަށް ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހަދަން މަގުފަހިކޮށްދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ޑރ މުއިއްޒު ނިންމެވީ ޑިސެންބަރުމަހު އެވެ.

އެގޮތުން މި މިފަރުވާ ފުޅާކުރުމުގެ ގޮތުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ކުރުރާސްތާގައި ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ބޯންމެރޯ ހެދުމަށް ކަނޑައެޅޭ އަދަދަކަށް ކޮންމެ އަހަރަކު ބޯންމެރޯ ހެދުމަށް ފޮނުވަމުންދިއުމަށް ސަރުކާރުން ނިންމަވާފައިވެއެވެ.

ހަމަ އެހެންމެ، ދުރު ރާސްތާގެ ހައްލެއްގެ ގޮތުން 2028 ވަނަ އަހަރުން ފެށިގެން އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ކަށަވަރުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ވަށާޖެހޭ ޙައްލެއްގެ ގޮތުން ތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355