އާންމުން ހިތްހަމަޖައްސާލައި ވަގުތު ހޭދަކުރާނެ މައިޒާންތަކާއި ޕާރކްތައް މަދުވުމުގެ ޝަކުވާއަކީ ކުޅުދުއްފުށީގައި އުޅޭ ހަމަ ކޮންމެ ރައްޔިތެއްގެވެސް ޝަކުވާއެކެވެ. ރަށްޓެހިންނާއި އާއިލާގެ ފަރާތްތަކާއެކު ވަގުތު ހޭދަކޮށްލާނެ ހިތްފަސޭހަ މައިޒާންތަކަށް ރައްޔިތުން ބޭނުން ޖެހިފައިވާ މިންވަރު އެންމެ ބޮޑަށް އެނގިގެންދިޔައީ ރަށްމަތިފަންނު ހުޅުވުމުންނެވެ.
2022 ވަނަ އަހަރު ތަރައްގީކޮށް ހުޅުވި ރަށްމަތިފަންނަކީ އެތަކެއް ރައްޔިތުނެއް ކޮންމެ ދުވަހަކުވެސް ބޭނުންކުރަމުން އަންނަ މަގުބޫލު ތަނެކެވެ. އަދި ހަމައެހެންމެ މިވީ މަދުދުވަސް ކޮޅުގެ ތެރޭގައި އެތަނުގައި އެތަކެއް ހަފުލާތަކާއި ރަސްމިއްޔާތުތައްވެސް ވަނީ ބާއްވާފަ އެވެ. މިއީވެސް މިފަދަ ހިތްގައިމު މައިޒާންތަކަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަވާ ކަންކަމެވެ.
ސިޓީ ކައުންސިލުން ކުޅުދުއްފުށީ ބާއްވާ އާންމު ބައްދަލުވުންތަކުގައި ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންތައްތަކުގެ މައިޒާންތަކާއި ޕާރކްތައް އަދި ބީޗްތައް ތަރައްގީކޮށް ހިތްފަސޭހަ ތަންތަނަށް ހެދުމަށް އެދެ އެވެ. އެގޮތުގެ މަތިން ކައުންސިލުން މިއަހަރުގެ ބަޖެޓްގައި އެކަންކަމަށް އިސްކަންދީފަ އެވެ.
މޭޔަރު މުހައްމަދު އާތިފް ކޭއޯއަށް ވިދާޅުވީ، ކައުންސިލްގެ ބަޖެޓް އެކުލަވާލީ ރައްޔިތުން އެދޭ ކަންކަމަށް އިސްކަންދީގެން ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި ނޭޗާރ ޕާރކަކާއި ބޯޒިޔާރަތް ސަރަހައްދާއި ކޮމިއުނީޓީ ޕާރކް އަދި ކުދި މައިޒާންތައް ތަރައްގީކުރުމަށް ހިމަނާފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ، ކުޅީގައި ނޭޗަރ ޕާރކެއް ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމަށާއި އެތަނުގައި ޕްލެޓް ފޯމަކާއި ފާލަމެއް ހެދިގެންދާނެ ކަމަށެވެ. އެގޮތުން ޒިގްޒެގް ޖަމިއްޔާއިން އިސްނެގުމުގެ މަތިން ބޭރުގެ ގްރާންޓްގެ ދަށުން އެތަނުގައި އީއައިއޭ ހަދައި ކުރެހުންތަކުގެ ބޮޑުބައެއް ވަނީ ނިންމާލާފަ އެވެ.
ޒިގްޒެގުގެ މަސައްކަތްތައް ނިންމާލުމުން ބާކީ ބައި ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ސިޓީ ކައުންސިލުންކަމަށް މޭޔަރު ވިދާޅުވި އެވެ. މޭޔަރު އާތިފް ވިދާޅުވީ، ބޯޒިޔާރާތް ބީޗާއެކު އެސަރަހައްދު ހިތްފަސޭހަ މައިޒާނަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުކުރާނެ ކަމަށާއި އަދި އިރުމަތި ކޮޅުގައި ތަރައްގީކުރާ ކޮމިއުނިޓީ ޕާރކްގެ އެއްބައި ހާއްސަކޮށްފައިވާނީ ކުޑަކުދިންނަށްކަމަށް މޭޔަރު ވިދާޅުވި އެވެ.
މީގެ އިތުރުން ވާހެދި ގޮނޑުވެފައިވާ އިރުމަތި ކޮޅު ސާފުކޮށް ބެހެއްޓުމުގެ މަސައްކަތްވެސް މިއަހަރު ކުރިއަށްދާނެކަމަށް މޭޔަރު ވިދާޅުވި އެވެ.