twitterviber whatsapp telegramfacebookyoutube instagram
8th May 2024

މާލެއާއި ރަސްމާލެ ގުޅުވައިލައްވާނީ ކަނޑު އަޑިން އަޅާ ބިންގަރާހުން: ރައީސް

Jan 23, 2024

މާލެ އާއި ރަސްމާލެ ގުޅުވައިލައްވާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު (ބައި-އިލެކްޝަން)ގެ މޭޔަރ އަދި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރަސްމާލެ އާއި މާލެ ގުޅުވައިލުމަށް ކަނޑު އަޑިން އަޅާ ޓަނަލް ވެގެންދާނީ އެޓަނަލްގައި ރޭލުގައި ދުއްވާފައި ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލަކަށް ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރުންވެސް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ޓަނަލް އެޅުމަށްޓަކައި އެކަމުގެ ޤާބިލުކަން ހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ގެންދަވާކަމަށާއި، ފީސިބިލިޓީގެ މަސައްކަތް ފަށާފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

"އެ މަސައްކަތް ކުރުމަށް ޓަކައި އަޅުގަނޑުމެން އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާއެކުގައި މިހާރު ވަނީ ފީޒިބިލިޓީ މަސައްކަތް ފަށާފައި. މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް. މިއީ ރާއްޖެއަަށް ޓޫރިސްޓުން އިތުރުވާނެ މަޝްރޫއެއް،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލަރުންވެސް ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުން ކައުންސިލްތައް ފުރިހަމަ މާނައިގައި ބާރުވެރި ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

އެގޮތުން ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުފަހިކުރުމަށް ކޮންމެ ކައުންސިލަކަށްވެސް ފަޅެއް ނުވަތަ ފަޅުރަށެއް ލިބޭ ގޮތަށް ދާދި ފަހުން ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވި ފާސްކުރެއްވުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅެއްގެ އަތޮޅު ކައުންސިލަށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ލިބޭގޮތަށް ހަމަޖައްސައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ރަސްމާލެއާއެކު މި ފަސް އަހަރު ނިމޭއިރު ރާއްޖޭގައި ބޯހިޔާވަހިކަން ފޯރުކޮށްނުދެވޭ އެއްވެސް މީހެއް ނުހުންނާނެ ކަމަށާއި، މި ފަސް އަހަރުގެ ތެރޭގައި މާލޭގެ މަގުތައް ހަދައި މާލޭގެ ޕާކިންގެ ދަތިކަމުގެ މައްސަލަވެސް ހައްލު ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ވިލިމާލޭގެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމާއި، މަސް މާރުކޭޓްގެ މަސައްކަތް ރޯދައިގެ ފަހުން ފެށުމަށް ރޭވިފައިވާކަމަށާއި، ސިނަމާލެ ސަރަހައްދުގައި މިހާރު ހުރި 5 އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އައު އިމާރާތެއް އެޅުމުގެ މަސައްކަތާއި، ވިލިމާލޭގައި ގާއިމުކުރާ 500 ހައުސިންގ ޔުނިޓުގެ މަސައްކަތާއި، އަދި މި ނޫންވެސް މާލެ ސަރަހައްދުގެ ތަރައްޤީއަށް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ބައެއް މަޝްރޫޢުތަކުގެ ތަފްސީލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މާލެ ސިޓީގެ މޭޔަރ ކަމަށް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމާއި، މާލެ ސިޓީ ކައުންސިލުގެ މެދުހެންވޭރު ދާއިރާ އާއި، މާލެ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާއިން ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނަށް ރޭ ބޭއްވި މި ރަސްމިއްޔާތުގައި ހުވައި ލައިދެއްވުމާއި މަގާމުގެ އިޤުރާރުގައި ސޮއިކުރެއްވުން އޮތެވެ. އެބޭފުޅުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355