ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ށ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދުު ދެއްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. މިލަންދުއަށް ވަޑައިގެން ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގަންނަވަނީ ވައުދު ފުއްދުމަށް ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް މިހާރު ވެސް ހަނދުމަފުޅުގައި ހުންނެވިކަމަށް ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒެއް އެ ރަށުގައި އެޅުމުގެ މަސައްކަތާ ގުޅޭ މަޝްރޫއުގެ މަޝްވަރާތައް މިހާރު ކުރެވެމުން އަންނަކަމަށާއި މަގުތަކާއި، ހޮސްޕިޓަލް ތަރައްގީކުރުމާއި، ކުޅިވަރު ކޮމްޕްލެކްސްގެ ވައުދު ވެސް މިލަންދުއަށް ފުއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ދެންނެވި ހުރިހާ ވައުދެއް ވެސް އިރާދަކުރެއްވިއްޔާ ޔަގީންކަމާއެކީ މިލަންދޫގެ ރައްޔިތުން ބޭނުންވެލައްވާ ގޮތަށް ފުއްދައިދޭނަން،" ރައީސް ވިދާޅުވިއެވެ.
އަދި މި މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ބޭނުންވާނަަމަ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް އެއްބާރުލުންދޭ މެމްބަރުންތަކެއް ތިބި ތަނަކަށް ހަދައިދިނުމަށް ރައީސްވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
"ރައްޔިތުން އެދެމުންދާގޮތަށް 1-10އަށްވެސް މިރަށުގެ ލިސްޓްގައި އޮތީ އެއް ވާހަކައެއް. ރައްޔިތުން އެދެމުންދާގޮތަށް އެއަރޕޯޓް މަޝްރޫޢު ޙަގީޤަތަކަށް ހަދައިދޭނެކަމުގެ ޔަގީންކަން ދެން. %100 ޔަގީންކަން ދެން." ރައީސް ވިދާޅުވިއެވެ.
އެއާޕޯޓް މަޝްރޫއާއެކު ރަށުގައި އިޤްތިޞާދީ ފުރުސަތުތައްވެސް އިތުރަށް ފުޅާކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އުތުރު ދަތުރުގެ ތެރެއިން ރައީސް ވަނީ ހއ. ދިއްދޫގައި އެއާޕޯޓެއް އެޅުމަށް ވެސް ވައުދުވެވަޑައިގަނެފަ އެވެ. އެއާޕޯޓު ގިނަ ކުރުމުގެ ސިޔާސަތަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ދެކެވަޑައިގަންނަވަ އެވެ.