twitterviber whatsapp telegramfacebookyoutube instagram
8th September 2024

ސިޓީ ކައުންސިލް ދޭ ސްކޫލް ގްރާންޓް ބޮޑުކޮށްފި

އަބްދުލް ވާހިދު ޙަސަން
Feb 28, 2024

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ސަރުކާރުގެ ސްކޫލްތަކަށް ދޭ، ސްކޫލް ގްރާންޓް ބޮޑުކޮށްފި އެވެ.

ކޮންމެ ސްކޫލަކަށް އެއްލައްކަ ރުފިޔާގެ ގްރާންޓް ދިނުމަށް މިއަދު ބޭއްވި އެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ.

މީގެ ކުރިން ސްކޫލަކަށް ދެމުންދިޔައީ 50،000 ރުފިޔާގެ އެވެ. މިއީ ރަށުގެ ތައުލީމު ކުރިއެރުވުމުގެ މަގުސަދުގައި ތަރައްގީގެ ޕްލޭންގައި ހިމަނައިގެން ދޫކުރާ ގްރާންޓެކެވެ.

ސިޓީ ކައުންސިލްގެ މިއަދު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، ސްކޫލް ގްރާންޓްގެ ސަބަބުން ސްކޫލްތަކަށް ކުރިއެރުން އަންނަމުންދާ ކަމަށެވެ. އެގޮތުން މީގެ ކުރިން ދޫކުރި ގްރާންޓުން ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

އެގޮތުން އަފީފުއްދީން ސްކޫލުގައި ޓީޗަރުންނާ ގުޅުން ހުރި ވަސީލަތްތަކެއް ގާއިމުކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާއިރު ޖަލާލުއްދީން ސްކޫލުގައި ކޮމްޕިއުޓީ ލެބް ތަރައްގީކުރުމުގެ މަސައްކަތް ގްރާންޓުން ކޮށްފައިވާ ކަމަށެވެ. އަދި ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބައެއް ކުލާސްތަކަށް ފަރުނީޗަރު އިތުރުކުރުމާއި ދަރިވަރުންގެ ޔުނިފޯމު ހަރަކާތްތައް ކުރިއެރުވުމަށް ގްރާންޓް ތެރެއިން ކޮށްފައިވާކަން ޑެޕިއުޓީ މޭޔަރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ގްރާންޓް ބޮޑުކުރުމުން ކުރިން ކުރެވިފައިވާ މަސައްކަތްތަކާ އަޅާ ބަލާއިރު މި ގްރާންޓްގެ ތެރެއިން ކުރެވޭ މަސައްކަތްތައް އިތުރުކުރެވޭނެ ކަމަށެވެ.

ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ގްރާންޓް ބޮޑުކުރުމަށް ތާއިދުކޮށް ވާހަކަދެއްކެވި އެވެ. އަދި ގްރާންޓްގެ މުހިންމުކަމާއި ގްރާންޓްގެ ސަބަބުން ތައުލީމަށް ކުރާ ހެޔޮ ބަދަލާ ގުޅޭ ގޮތުންވެސް މެމްބަރުން ވާހަކަދެއްކެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355