twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ތިރިވާން ފަށައިފި: ރައީސް

Mar 6, 2024
1

ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އޭގެ އަސަރު ފެންނަމުންދާ ކަމަށާއި ރުފިޔާގެ އަގު ހިފެހެއްޓި ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް ތިރިވާން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މީދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން ބޭކާރު ހަރަދުތައް ކުރުން ހުއްޓާލައި އިގްތިސާދު ފުޅާ ކުރަމުން މަޝްރޫއުތައް ވެސް ހިންގަވާނެ ކަމަށެވެ. ސަރުކާރާ ހަވާލުވި އިރުގައި ބޭރަށް ދައްކަން ޖެހޭ ފައިސާ 120 ބިލިއަން ރުފިޔާގައި ހުރިއިރު، އެތެރޭގެ ދަރަނި ނުވަ ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ދައްކަމުންނާއި ބޭރުގެ އެކިއެކި ބޮޑެތި ލޯންތައް ދައްކަމުން މިދަނީ ފައިސާ ޗާޕް ނުކޮށްކަމަށެވެ.

"އެކަން ހުއްޓާ ނުލި ނަމަ، އަޅުގަނޑުމެންގެ ގައުމު ބަނގުރޫޓުވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގަ ނުޖެހޭ ހިސާބަށް ދާނެ، ޑޮލަރުގެ އަގު އަރައިގެންދާނެ 20 ރުފިޔާއަށް ވުރެ ވެސް މައްޗަށް. އިގުތިސާދު އެއްކޮށް ހަލާކުވީސް ފައިސާ ޗާޕް ކުރި ނަމަ." ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެ ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން. ވަރަށް ފަސޭހަވީސް ހަމަ ފައިސާ ޗާޕްކޮށްލި ނަމަ. އެ 9 ބިލިއަން ރުފިޔާއަށް ވާވަރަށް ފައިސާ ޗާޕްކޮށްލި ނަމަ އެކަން ހަމަޖެހުނީ ނޫންތޯ؟ އެކަމަކު އެކަން ވެސް ނުކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފައިސާ ޗާޕް ކުރުން ހުއްޓާލުމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ތިރިވެ އިގްތިސާދު ރަނގަޅުވަމުން ދާނީ. މިހާރު އޭގެ އަސަރު ފެނޭ އެބަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަރަނިތައް ދައްކަންވެގެން ހެދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 2018 އާ ހަމައަށް ހުންނާނީ ޑޮލަރު ކަމަށެވެ. އެކަމަކު، މިދިޔަ އަހަރު ނިމުނު އިރު އޭގައި ޑޮލަރު ނެތް ކަމަށާއި ރައީސް ވަނީ ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ފަންޑަށް 30 މިލިއަން ރުފިޔާ ޖަމާ ކުރި ކަމަށް ވިދާޅުވެފައެވެ. އަދި މި އަހަރު ނިމޭ އިރު އެ ފަންޑަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާ ކުރެވޭނެ ކަމަށް ގަބޫލު ކުރެއްވޭ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަވަހަށް ނިންމުމަށް މަސައްކަތް ކުރަނީ ވެސް އިގްތިސާދު ވަރުގަދަ ކުރަން ކަމަށާއި ރާއްޖޭގެ އިގްތިސާދު ދެން އިތުރަށް ފުޅާކުރެވޭނީ ވެލާނާ އެއާޕޯޓް އަވަހަށް ނިންމައި ހުޅުވާލެވުނުހާ އަވަހަކަށް ކަމަށެވެ. އަދި އިތުރު ރިސޯޓުތައް ހެދުމުގެ ފުރުސަތު ދީ ހަދަން ފަށާފައި ނުނިމި ހުރި ރިސޯޓުތައް ނިންމަން އެކި ކަހަލަ ފުރުސަތު ދިނުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ވެސް އޮތީ އެއްކޮށް އިނދަޖެހިފައި ކަމަށާއި މި ސަރުކާރާ ހަވާލުވިއިރު 240 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ އޮތް ކަމަށެވެ. އެ ފައިސާ އާއި އޭގެ އިތުރަށް ވެސް 400 މިލިއަނެއްހާ ރުފިޔާ ދެއްކިއިރު، ބާކީ ހުރި ފައިސާ ދައްކަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ވައުދުވެވަޑައިގެންނެވި ގޮތަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355