twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރަށްރަށުގެ ހިއްކި ބިންތަކުގައި އަސާސީ ހިދުމަތް ގާއިމުކޮށް، މީހުން އާބާދުކުރާނަން: ރައީސް

ނަބީލާ އިސްމާޢީލް
Mar 6, 2024

ރަށްރަށުގައި ހިއްކާފައި ހުރި ބިންތަކުގައި މީހުން އާބާދުކުރުމަށް ބޭނުންވާ ހުރިހާ އާއްމު ހިދުމަތްތައް މި ދައުރުގެ ތެރޭގައި ގާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދ.މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައި ހުރިނަމަވެސް، އެ ބިންތަކުގެ މަންފާ ރައްޔިތުންނަށް ލިބެމުން ނުދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މީދޫގައި ހިއްކާފައި އޮތް ބިމަކީވެސް 10 އަހަރު ވެފައިވާ ބިމެއްކަމަށެވެ. އެގޮތުން 17 ހެކްޓަރުގެ ބިމުން ކޮންމެވެސް ވަރަކަށް ގޯތި ދޫކޮށްފައި ހުރިނަމަވެސް މިހާތަނަށް އެ ބިމުގައި މީހުން އާބާދުވެވޭގޮތް ވެފައިނުވާކަމަށެވެ.

އެ ބިމުގައި މީހުން އާބާދުވެ ދިރިއުޅުމަށް ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތައް، ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެކަމަށާއި އެގޮތުން ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ގާއިމުކޮށް، އެތަނުގައި މީހުން އާބާދުވުމަށް ކުރަންޖެހޭ މަސައްކަތް އަވަސްކުރައްވާނެކަމަށް ރައީސް ވިދާޅުުވިއެވެ. އަދި ރަށުގެ ކައުންސިލުންނާއި ރައްޔިތުން އެދިފައިވާގޮތަށް، މީދޫގައި މަދުވެގެން 200 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއު ހިންގަވައިދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްތައް ހިމެނޭހެން ކުރިއަށްގެންދިއުމަށް ސަރުކާރުން ވައުދުވެފައިވާ 40000 ހައުސިން ޔުނިޓްގެ މަޝްރޫއުއާ ގުޅޭ ފަންނީ އަދި އިދާރީ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން ފްލެޓާއި ގޯއްޗާއި އަދި ގެދޮރުއެޅުމަށް ލުއި ލޯނު ދޫކުރުމުގެ އުސޫލު އެކުލަވާލުމުގެ މަސައްކަތްވެސް ފަށައިގެން ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

"ބިން ހިއްކިފަ އެބަހުރި. އެކަމަކު އެތަނުގެ ބޭނުން ހިފުނުކަމަށްވަނީ އެތަނުގައި މީހުން އާބާދުވެ ދިރިއުޅެން ފެށުނީމަ. އެކަމަށް ހުރަހަކަށްވަނީ އަސާސީ ހިދުމަތްތައް އެ ސަރަޙައްދުގަތުތަކުގައި ޤާއިމުވެފައި ނެތުން. އެހެންވީމައި މިގޮތަށް ހިއްކާފައި ހުރި ހުރިހާ ބިންތަކުގައި ފެނާއި ނަރުދަމާ، ކަރަންޓު އަދި މަގުތައް ހަދައިދޭނަން. އޭރުން އެ ބިންތަކުގައި އާބާދު ކުރެވޭނީ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީދޫގެ ބިން ހިއްކިއިރު ފަޅުތެރެއިން ހިއްކާފައި އޮތް ބިންކޮޅުވެސް، ރަށާއި އެއްގަމު މަގުން ގުޅާލަދެއްވާނެކަމަށެވެ. އަދި މީދޫގެ ބަނދަރު ރައްޔިތުން ބޭނުންވާގޮތަށް ތަރައްޤީކޮށްދެއްވައި، ރަށުގައި އައިސް ޕްލާންޓެއްވެސް ތަރައްޤީކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ސްކޫލާއި ސިއްހީ ފަރުވާ ހަރުދަނާކުރުމާއި ރަށުގައި ކުޅިވަރު ކުޅޭނެ ފެސިލިޓީތަކާއި ކުޑަކުދިންގެ ޕާކަކާއި އޭޓީއެމްގެ ހިދުމަތާއި އާރްޓީއެލް ފެރީގެ ނިޒާމުވެސް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށްރަށުގައި އަންހެނުންނަށް ހާއްސަކޮށް ހޭންޑްބޯލް ކޯޓު އެޅުމުގެ މަސައްކަތްތަކެއް އަންނަ އަހަރު ފައްޓަވައިދެއްވާނެކަންވެސް އިއުލާންކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355