twitterviber whatsapp telegramfacebookyoutube instagram
2nd May 2024

މުސާރަ އާއި ރޯދަ އިނާޔަތްނުދީ ފެނަކަ ކުޅުދުއްފުށީ ސައިޓްގެ މުވައްޒަފުން ހާލުގައި ޖައްސައިފި

ނަބީލާ އިސްމާޢީލް
Mar 9, 2024
8

ކުޅުދުއްފުށީގައި އިމާރާތްކުރާ އާ އިންޖީނުގޭގެ މަސައްކަތްކުރާ ފެނަކަ މުވައްޒަފުންނަށް މިދިޔަ ފެބްރުއަރީމަހުގެ މުސާރައާ ރޯދަ އިނާޔަތް ނުލިބޭ މައްސަލަ ފެންމަތިވެއްޖެ އެވެ.

އެ ސައިޓްގައި ގާތްގަނޑަކަށް 51 މުވައްޒަފުން މަސައްކަތްކުރާއިރު މުސާރަ އާއި ރޯދަ އިނާޔާތް ނުލިބުމުގެ ސަބަބުން އެ އާއިލާތައް ވަނީ "ހާލުގައި" ޖެހިފަ އެވެ.

މުވައްޒަފުން މައުލޫމާތު ދިން ގޮތުގައި މިއީ އެތަނުގެ މަސައްކަތްކުރަން ފެށި ފަހުން މި ގޮތަށް މުސާރައިގެ މައްސަލަ ޖެހުނު ފުރަތަމަ ފަހަރު ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި ކޮންމެ މަހެއްގެ 1 ވަނަ ދުވަހު މުސާރަ ލިބޭކަމަށެވެ.

"ފުރަތަމަ މުސާރައިގެ ޝަކުވާކުރުމުން އަޅުގަނޑުމެންނަށް ދީފަ އިން ތާރިހަކީ މި މަހު 7 ގެ ކުރިން މުސާރަ ދޭނެކަމަށް، އަޅުގަނޑުމެންނަކަށް ސާފު މައުލޫމާތެެއް ނުލިބޭ، ކީއްވެގެން ކަމެއް މުސާރަ ލަސްވަނީއެއް ސާފުކޮށެއް ނުދޭ. ހަވާލުވެ ހުރި މީހާއާއި ވާހަކައެއް ނުދެއްކޭ." ސައިޓް މުވައްޒަފުން ބުންޏެވެ.

އެ މުވައްޒަފުން ބުނީ، ރާއްޖޭގެ އެހެން ރަށްތަކުގެ ފެނަކަ ސައިޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ އާއި ރޯދަ އެލެވަންސް ބަރާބަރަށް ލިބެމުންދާއިރު ކުޅުދުއްފުށީ ސައިޓްގެ މުވައްޒަފުންނާމެދު ތަފާތުކުރުން ގެންގުޅޭ ސަބަބު ސާފުނުވާކަމަށެވެ.

ފެނަކަ ޕްރޮޖެކްޓް ސައިޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން މުޅި ރާއްޖޭގައިވެސް މަސައްކަތްކުރަނީ މަހު މުސާރަ އުސޫލުން ކަމުގައިވިޔަސް މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ކުޅުދުއްފުށީ ސައިޓްގެ މުވައްޒަފުންގެ ދުވަހު މުސާރައިގެ މުވައްޒަފުންގެ ގޮތުގައި ބަދަލުކޮށްފައިވާކަމަށް އެތަނުގެ މުވައްޒަފުން ކިޔައިދިނެވެ.

" މިސަރަހައްދުގެ ހުރިހާ [ފެނަކަ] ޕްރޮޖެކްޓް ސައިޓްތަކެއްގެވެސް [މުވައްޒަފުން] މަސައްކަތްކުރަނީ މަހު މުސާރަ އުސޫލުން. އަހަރެމެން މިދޭތެރެއަކުން ވަޒީފާއިން ވަކިކޮށްލާފަ، ހަމައެރެއިން އެރެއަށް ވަޒީފާއަށް ވެއްދި. [އަލުން] ވަޒީފާއަށް ވެއްދި ދުވަހުން ފެށިގެން އަހަރެމެންނަކީ ދުވަހު މުސާރާއިގެ މުވައްޒަފުން." ފެނަކަ ކުޅުދުއްފުށީ ސައިޓް މުވައްޒަފުން ބުންޏެވެ.

މިކަމާ ގުޅިގެން ފެނަކަ ބަހެއް ހޯދުމަށް އެފަރާތަށް ތަކުރާރުކޮށް މިނޫހުން ގުޅުމުންވެސް ފޯނަށް ޖަވާބުނުދޭތީ އެފަރާތުގެ ބަހެއް ވަނީ ނުލިބިފަ އެވެ.

އިތުބާރު ހުރި ފަރާތަކުން ކޭއޯއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުސާރައިގެ ޝަކުވާކުރާ ފަރާތްތަކަށް ހަވާލުވެ ހުންނަ ފަރާތުން ދޭ ޖަވާބަކީ ގޭގައި މަޑުކޮށްލުމަށެވެ. އެ ގޮތުން ދެ މުވައްޒަފަކަށް ވަނީ ގޭގައި މަޑުކުރަން އަންގާފަ އެވެ. މީގެ އިތުރުން ތަނުގައި ބޭނުންކުރާ ފެން ނުލިބޭތާވެސް ކިތަންމެ ދުވަހެއް ވެއްޖެ އެވެ. ފެން ބިލް ނުދައްކާތީ ފެންވެސް ވަނީ ކަނޑާލާފަ އެވެ.

އެ ސައިޓަށް މީގެ ދެ މަސް ކުރިން ވަނީ އިންޗާޖަކު ހަމަޖައްސައިފަ އެވެ. މީގެ ކުރިން އެސައިޓަށް ހަމަޖައްސަނީ ސްޕަވައިޒަރުންނެވެ. ކުޅުދުއްފުށީ ފެނަކަ ސައިޓަކީ 2020 ވަނަ އަހަރު ބިންގާ އެޅި އިމާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355