ރޯދަ މަހަށް ތަކެތީގެ އަގު ހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ ރައީސްގެ ޖަވާބުގައި މިފަހަރު ރައީސްގެ އަރިހުން މީހަކު އެދިފައި ވަނީ ކުރިއަށް ރޯދަމަސް އޮތުމާ އެކު ކާބޯތަކެތި އަގު ހެޔޮކޮށްދިނުމަށެވެ.
ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) March 10, 2024
10 މާރިޗް 2024
ރޯދަމަހާ ދިމާކޮށް ވަކީން ޚާއްޞަކޮށް، ކާބޯތަކެތީގެ އަގު ހެޔޮވާނެ ގޮތްތައް ހައްދަވައިދެއްވުން އެދި ރައްޔިތަކު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/iSOLGbmK10
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް ރޯދަ މަސް އޮތުމާ އެކު އެންމެ އަސާސީ ހުރިހާ ބާވަތެއްގެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެނެސް، އެ ތަކެތި އަގު ހެޔޮކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
އެސްޓީއޯ އިން މިހާރު ފިޔާ ކިލޯއެއް 17ރ. އަށް ވިއްކަމުން އަންނައިރު އަލުވި ކިލޯއެއް 15ރ. އަށް، އަދި ބިހެއް ވިއްކަނީ 1.7ރ. އަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަކެތީގެ އަގު އިތުރަށް ހެޔޮކުރެވޭތޯ ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
"މިހާރު ވެސް އަގު ހެޔޮކޮށް ވިއްކަން ފަށާފައި ވަނީ. އަދިވެސް ހަމަ އިތުރު މަސައްކަތްތައް ކުރާނަން ކާބޯތަކެތީގެ އަގު ހެޔޮކުރުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ދުރު ރާސްތާ ޕްލޭނަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭ ގޮތް ގާއިމުކޮށް، ފުޑް ސެކިއުރިޓީ ކަށަވަރުކުރުން ކަމަށެވެ. އޭރުން ކާބޯތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރޯދަ މަހު، ދަތިނުވެ ކާބޯތަކެތީގެ ބާވަތްތައް ލިބޭނެ ކަމަށް ސަރުކާރުން ބުނާއިރު ތުރުކީން ގެންނަ ކާޑު ޝިޕްމަންޓް ވެސް ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ރަމަޟާން މަހު އެންމެ ބޮޑަށް އަގު އުފުލިގެންދާ ބާވަތްތަކުގެ ތެރޭގައި އަސާސީ ކާބޯތަކެތި ހިމެނެއެވެ. އޭގެތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ.