twitterviber whatsapp telegramfacebookyoutube instagram
28th April 2024

އެންމެފަހުން ފެނަކަ ކުޅުދުއްފުށީ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ޖަމާކޮށްދީފި

އަބްދުލް ވާހިދު ޙަސަން
Mar 12, 2024
4

ކުޅުދުއްފުށީ އިންޖީނުގޭގެ އާ އިމާރާތުގެ މަސައްކަތުގައި އުޅޭ ފެނަކަ މުވައްޒަފުންނަށް އެންމެފަހުން މުސާރަ އާއި ރޯދަ އިނާޔާތް ދީފި އެވެ.

މިދިޔަ ފެބްރުއަރީމަހުގެ މުސާރަ އާއި ރޯދަ އިނާޔާތް ނުލިބޭތީ އެ މުވައްޒަފުން މިއަދު ހެނދުނު ވަނީ އިހްތިޖާޖްވެސް ކޮށްފަ އެވެ. 52 މުވައްޒަފުން މަސައްކަތްކުރާ އެ ސައިޓްގެ ކުރިމަތީގައި ކުރި އިހްތިޖާޖުގައި އެތަނުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.

ފެނަކަ ސައިޓްގެ މުވައްޒަފަކު ކޭއޯއާ ވާހަކަދައްކަމުން ބުނީ، މުސާރަ އާއި އިނާޔާތް ޖަމާވީ މިއަދު މެންދުރު 13:30 ގައި ކަމަށެވެ. އޭނާ ބުނީ، މިހާރު ނުލިބި ވަނީ ޖެނުއަރީމަހުގެ މުސާރައިގެ ބައެއް ކަމަށާއި އެ އަދަދުވެސް ކުރިއަށްއޮތްތަނުގައި ލިބޭނެކަމަށް އުންމީދުކުރާ ކަމަށެވެ.

ރޯދަ އެލެވަންސްއަކީ ރޯދަމަސް ފެށުމުގެ ކުރިން ދިނުމަށް ގާނޫނުން ލާޒިމްކޮށްފައިވާ އިނާޔަތެކެވެ. އެކަމަކު އެ މުވައްޒަފުންނަށް ރޯދަ އިނާޔާތް ލިބިފައިމިވަނީ ރޯދަމަހުގެ ދެވަނަ ދުވަހު އެވެ.

މުސާރައާއި އިނާޔާތް ލަހުން ދިނީ ހަމައެކަނި ކުޅުދުއްފުށީ ސައިޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަންޏެވެ. އެހެން ސައިޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަހުގެ ކުރީކޮޅު މުސާރަ އާއި އިނާޔާތްދީފައިވެ އެވެ. މިކަން މިހެން ދިމާވި ސަބަބު ހޯދުމަށް ކޭއޯއިން ތަކުރާރުކޮށް ފެނަކައަށް ގުޅުމުންވެސް ޖަވާބުދީފައިނުވާތީ އެކަން ވަނީ ސާފުވާގޮތް ނުވެފަ އެވެ.

މިކަމާ ގުޅިގެން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބު އަހުމަދު މުހައްމަދު (ޖިހާދޭ) ވިދާޅުވީ، އެ މުވައްޒަފުންނަށް މިދިޔަ ފެބްރުއަރީމަހުގެ މުސާރައާއި ރަމަޟާން އެލަވަންސް ޖަމާނުވާކަން އެނގުނީ މިދިޔަ ބުރާސްފަތިދުވަހުގެ މެންދުރު ވަގުތުގަ ކަމަށާއި އެވަގުތުން ފެށިގެން އެމައްސަލައަށް ހައްލު ހޯދުމަށް ކުންފުނީގެ ވެރިންނަށް ގުޅާ މައްސަލަ ހިއްސާކުރި ކަމަށެވެ.

އަދި އިދާރީ މައްސަލައެއް ދިމާވުމުގެ ސަބަބުން މުސާރަ ދިނުމުގައި ލަސްތަކެއް ދިމާވެގެން އުޅޭކަން ފެނަކައިގެ ވެރިން ފާހަގަ ކުރި ކަމަށް ޖިހާދޭ ވިދާޅުވި އެވެ. ޖިހާދޭ ވިދާޅުވީ، އެދުވަހުން ފެށިގެން ކުރެވެމުން ދިޔަ މަސައްކަތުން މިއަދު މިހާރު މުސާރަ އާއި ރޯދަމަހުގެ އެލަވަންސް ޖަމާވެފައިވާ ކަމަށެވެ.

" އަދި އަޅުގަނޑަށް ލިބުނު މަޢުލޫމާތު ސައިޓާއި ހަވާލުވެ ހުރި ފަރާތަށާއި މިއަދު މުޒާހަރާކުރި ސަރަހައްދަށްގޮސް މުވައްޒަފުންނަށް ހިއްސާކުރި ވާހަކަ ވެސް ދަންނަވަމެވެ. އަދި މިގޮތަށް އެއްވެސް މުވައްސަސާއެއްގެ މުސާރަ ލަސްވުމަކީ އަޅުގަނޑު ބަލައިގަންނަ ކަމެއް ނޫނެވެ. އަދި ކުރިޔަށް އޮތްތަނުގައި މިފަދަ މައްސަލަތައް ދިމާނުވާނެކަމަށް އަޅުގަނޑު އުންމީދުކޮށް ޔަގީން ކުރަމެވެ." ޖިހާދޭ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355