ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދުގައި ތިބޭ ތިބުން ނިމުމަކަށް ގެނައުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް މިހާރު ފަށްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ " ރައީސްގެ ޖަވާބު" ޕްރޮގްރާމަށް މ.މުލަކު، އޯޝަންލެޑް، ނަޝީދާ ހަސަން، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ސުވާލުކުރީ، ޝަރީއަތް ނިމެންދެން ކުރާ ބަންދު ނުވަތަ "ވާނުވާ"ގައި ތިބޭ މީހުން ދޫކޮށްލުމަކީ ރައީސްގެ ވައުދެއްކަމަށާއި އެކަން ކުރައްވާނީ ކޮން އިރަކުތޯއެވެ.
ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) March 14, 2024
14 މާރިޗް 2024
މ.މުލަކު، އޯޝަންލެޑް، ނަޝީދާ ޙަސަން، ޝަރީޢަތް ނިމެންދެންކުރާ ބަންދު ނުވަތަ "ވާނުވާ" އަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ވަޢުދާއިމެދު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/2oaB9SzU3M
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވަނީ ވާނުވާ މައްސަލަ ހައްލުކުރުމަކީ ވަރަށް މުހިއްމު ވައުދުފުޅެއްކަން ފާހަގަކުރައްވާ، އެ މައްސަލަ ހައްލުކުރުމަށް މިހާރު ކުރިއަށް ދަނީ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އަދި، ތަހުގީގީ މަރުހަލާގެ ކަންކަން ވެސް މިހާރަށްވުރެ ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
"އެކަމާ ގުޅޭގޮތުން މިހާރު އިސްލާހުތަކެއް ގާނޫނަށް ގެނައުމަށް ލީގަލް މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައިފިން. އިރާދަކުރެއްވިއްޔާ ގާނޫނީ ހައްލެއް މައްސަލައަށް ގެނެވޭނެ" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ދިގު މުއްދަތަކަށް ބަންދުކުރުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ އެމަނިކުފާނުގެ މިދިޔަމަހު މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ. މީގެއިތުރުން ޖަލުތަކުގެ ކަންކަން ހަރުދަނާކުރެއްވުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެކަންކަން މިދައުރުގެ ތެރޭގައި ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.