- މައްސަލަ ޖެހުނު އިންޖީނު އިންސްޓޯލްކުރެވި މާދަމާ ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެކަމަށް ފެނަކަ އިން ބުނޭ.
ކުޅުދުއްފުށިން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރަން އިތުރު އިންޖީނެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރައްވައިފި އެވެ.
ރޯދަމަސް ފެށުމުގެ ކުރިން ފެށިގެން މިއަދާ ހަމައަށްވެސް ވަކި ގަޑިތަކެއްގައި ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުން އަންނަނީ ކަރަންޓް ކަނޑަމުންނެވެ. އެހެންވުމުންގެ ސަބަބުން ގިނަ ބަޔަކަށް އަންނަނީ ބޮޑެތި އުނދަގޫތައް ކުރިމަތިވަމުންނެވެ.
ކޭއޯއާ ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސެއިން ޒުހުރީ ވިދާޅުވީ، ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކަ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ، 1.2 މެގަވޯޓްގެ އިންޖީނެއް އިންޑިޔާ އިން ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އުންމީދުކުރަނީ އެ އިންޖީނު ދެ ހަފުތާއެއްގެ ތެރޭގައި ކުޅުދުއްފުއްޓަށް ފޮނުވި ކަރަންޓްގެ މައްސަލަ ހައްލުވާނެ ކަމަށެވެ.
"ޖެން ސެޓް ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދޭ. އަޅުގަނޑުމެން މި އުންމީދުކުރަނީ ދެ ހަފްތާއެއްގެ ތެރޭގައި އިންޖީނު ލިބޭނެކަމަށް." ޒުހުރީ ވިދާޅުވި އެވެ.
ޒުހުރީ ވިދާޅުވީ، ކަރަންޓް މައްސަލަ އަވަހަށް ހައްލުކުރުމަށް މާލޭގައި މިވަގުތު ހުރި 800 ގެ ޖެން ސެޓް ފޮނުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ކުޅުދުއްފުށީގައި ކަރަންޓް ފޯރުކޮށްދިނުމަށް 7 އިންޖީނެއް ބޭނުންކުރަމުންދާއިރު މިވަގުތު މައްސަލަ ޖެހިފައިހުރީ 800 ކިލޯވޯޓްގެ އިންޖީނެއްގަ އެވެ. އެ އިންޖީނުގެ މައްސަލަ ހައްލުކޮށް މާދަމާ ކަރަންޓް މެދު ނުކެނޑި ފޯރުކޮށްދެވޭނެކަމަށް ފެނަކަ އިން އުންމީދުކުރެ އެވެ.