ހާއްސަ އެހީއަށް ވޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް މީގެ ކުރިން ލިބެމުން އައި ރިސްކް އެލޮވެންސް އަނެއްކާ ވެސް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ ޓީޗަރުން މަދުކަމާ، އަދި އެ ދާއިރާއަށް ލިބެމުން އައި ހާއްސަ އެލަވެންސާ ގުޅޭ ގޮތުން އެ ދާއިރާގެ ޓީޗަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) March 16, 2024
16 މާރިޗް 2024
ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް އުނގަންނައިދޭން ޚާއްޞަ ޓީޗަރެއްކަމުގައިވާ، މ.މުލަކު، ސޯސަންވިލާ، ޢާއިޝަތު ޝައުފާ، އެ ދާއިރާގެ ޓީޗަރުން މަދުކަމާ، ލިބެމުން އައި ޚާއްޞަ އެލަވަންސާމެދު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/OUXkGvpdh7
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ މީގެ ކުރިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ލިބެމުން އައި ރިސްކް އެލަވެންސް އުނިވެގެން ދިޔައީ މިދިޔަ ސަރުކާރުން ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން ކަމަށެވެ.
"ދަންނަވާލަން ބޭނުންވަނީ އިރާދަ ކުރެއްވިއްޔާ ތި ވިދާޅުވި ކަންތަކުގައި ސެން ޓީޗަރުންނަށް ރިސްކް އެލޮވެންސެއް ނޫނީ ހާއްސަ އިތުރު ފައިސާގެ އިނާޔަތެއް ލިބޭނެ ގޮތް އިރާދަ ކުރެއްވިއްޔާ ސަރުކާރުން ހަމަޖައްސައިދޭނެ" ކަމަށް ރައީސް ވިދާޅުވިއެވެ.
ގާތްގަނޑަކަށް މި އަހަރުގެ މެދު ތެރޭގައި ޓީޗަރުން މަދު ދާއިރާތަކުން ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން އެޑިއުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލުންގެ މުސާރައިގެ އޮނިގަނޑަކަށް ގެނައި ބަދަލާ އެކު، އެންމެ ދަށް ރޭންކުގެ މުވައްޒަފަކަށް ވެސް 20000އަށްވުރެ ބޮޑު މުސާރައެއް ލިބެއެވެ. އަދި އެންމެ މަތީ ރޭންކުގެ މުވައްޒަފަކަށް 32218 ރުފިޔާގެ މުސާރައެއް ލިބެއެވެ.