އާއްމު ވިޔަފާރިއަށް ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުން 25 އަހަރަށް 3 ބިން ކުއްޔަށް ދޭން ނިންމާ އަންދާސީ ހިސާބު ހުށަހެޅުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
25 އަހަރުގެ މުއްދަތަށް ދޫކުރަން ހަމަޖެހިފައިވާ 1500 އަކަފޫޓުގެ 3 ބިން، ބިޑް ކުރެވޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 7 ރުފިޔާގެ ރޭޓުން ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
މި ބިންތައް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން 17 އެޕްރީލް ވަނަ ދުވަހުގެ 10:30 ގެ ކުރިން ރަޖިސްޓަރީވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އެޕްރީލް 18 ވަނަ ދުވަހު 10:30ގައި ސިޓީ ކައުންސިލްގެ އިދާރާގަ އެވެ. ބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އޮންނަ ޕްރީ ބިޑް މީޓިންގ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ 10:30 ގަ އެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ކައުންސިލުން ބުންޏެވެ. އަދި ބީލަންތައް އިވެލުއޭޓު ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަންދޭނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އެ އިދާރާއިން ބުނީ މި 3 ބިން ދޫކުރަން ހަމަޖެހިފައިވަނީ އުތުރު ބަނދަރު ސަރަހައްދުގައިވާ ތެލުގެ ވިޔަފާރިއަށް ދޫކުރެވިފައިވާ ބިންތަކުގެ ދެކުނުން އިއްޒުއްދީން މަގުގެ އިރުމަތިންނެވެ. މި ބިންތަކުގެ ދިގުމިނަކީ 14.29 މީޓަރު އަދި ފުޅާމިނަކީ 9.75 މީޓަރެވެ.