ކުޅުދުއްފުށިން ކަރަންޓް މެދުކެނޑޭ މައްސަލަ ކުރިއަށްއޮތް ހަތަރުދުވަސްތެރޭގައި ހައްލުކުރެވޭވަރުވާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ހޫނުގަދަވެ ލޯޑްމަތިވުމުގެ ސަބަބުން ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންދާތާ ދޮޅުމަސްވެއްޖެ އެވެ. އެކަމާ ހެދި ގިނަ ގޭބިސީތަކުގައި ބޭނުންވާ ކަރަންޓް ސާމާނު ހަލާކުވެ ރައްޔިތުންގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ކުޅުދުއްފުށީގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް ބައްލަވާލެއްވުމަށްފަހު ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި މުއާޒް ވިދާޅުވީ، 800 ކިލޯވޮޓްގެ ޖެންސެޓް އިންސްޓޯލްކުރުމުގެ މަސައްކަތް އެންމެ ބޭނުންވާ ސްޕީޑްގައި ކުރިއަށްނުދާ ކަމަށާއި މިއަދު މަސައްކަތް ހަލުވިކޮށްފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، 800 ކިލޯވޮޓްގެ ޖެންސެޓަކީ އެހެން ރަށަކަށް ފޮނުވަން ގެނައި ޖެންސެޓެއް ނަމަވެސް އެ ޖެންސެޓް ކުޅުދުއްފުއްޓަށް ފޮނުވީ ހާލަތު ގޯސްވުމުން އަވަސްކުރުމަށް ކަމަށާއި އެހެންނަމަވެސް އެ އިންޖީނުގެ އިންސްޓޯލްކުރުމުގެ މަސައްކަތް އެންމެ ބޭނުންވާ ސްޕީޑްގައި ކުރިއަށްނުދާކަން މުއާޒް ފާހަގަކުރެއްވި އެވެ.
މުއާޒް ވިދާޅުވީ ކުޅުދުއްފުއްޓަށް ޕްލޭންކުރެވިގެން ގެންނަ 1.2 މެގަވޯޓްގެ އިންޖީނު އަންނަ ހަފްތާތެރޭގައި ރާއްޖެ އަންނާނެ ކަމަށާއި އެ އިންޖީނު ގެނައި ނަމަވެސް ދުވަހެއް ދުވަހަކަށް ލޯޑްމަތިވަމުންދާތީ 800 ކިލޯވޮޓް އިންޖީނުވެސް ކުރިއަށް އޮތްތާ ބޭނުންކުރާނީ ކުޅުދުއްފުށީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
800 ކިލޮވޯޓްގެ އިންޖީނު އިންސްޓޯލްކުރުމުގެ މަސައްކަތްކުރަމުންދާއިރު އެއަށް ބޭނުންވާ ކޭބަލް ރާއްޖެއިން ބޭރުން ގެނެސް މާދަމާ ކުޅުދުއްފުއްޓާ ހަމައަށް ގެންނެވޭނެ އެވެ.
ކުޅުދުއްފުށީގައި ކަރަންޓް ފޯރުކޮށްދިނުމަށް 7 އިންޖީނު ބޭނުންކުރެ އެވެ. އެއީ އެއް މެގަވޯޓްގެ ފަސް އިންޖީނާއި 800 ކިލޮވޯޓް ދެ އިންޖީނެވެ.