ކުޅުދުއްފުށީ ކަރަންޓް މައްސަލަ ހައްލުނުވެ ދިގުލައިދާތީ ފެނަކަ ކުޅުދުއްފުށީ އޮފީސް ކައިރީގައި ފެށި މުޒާހަރާގެ ބައިވެރިން މިސްރާބު އިންޖީނުގެއާ ދިމާލަށްޖަހައިފި އެވެ.
ނަމަވެސް މުޒާހަރާގެ ބައިވެރިންނަށް އިންޖީނުގެއަށް ނުވަދެވޭނެހެން ފުލުން އަންނަނީ ފޯރިމަރަމުން ނެވެ.
މިރޭ ކުޅުދުއްފުށީ ފެނަކަ އޮފީސް ކުރިމަތިން ފެށި މި މުޒާހަރާގެ ބައިވެރިން އިންޖީނުގެއަށް ވަންނަން ގޮސްފައިވަނީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތް ބަލާލުމަށްކަމަށް ބުނެ އެވެ.
މުޒާހަރާގެ ބައިވެރިން ޑިމާޑުކުރަނީ ޖަވާބުދާރީވެވޭނެ ވެރިޔަކު ނެރުމަށެވެ.
މުޒާހަރާގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެނޑިޓޭޓް އަލީވަހީދު، ކުޅުދުއްފުށީ ސިޓީ ކައުންސިލް މެމްބަރު ރިލްވާން މުހައްމަދުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ފިރާޝާ އިބްރާހިމް އަދި އަކުބަރީ މުހައްމަދުވެސް ބައިވެރިވެ އެވެ.