ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށްޓަކައި މުޅި ރާއްޖޭގައި ބާއްވާ ވޯޓުލުން ކުޅުދުއްފުށީގައިވެސް ފަށައިފި އެވެ.
މުޅި ރައްޖޭގައި ބާއްވާ މި އިންތިހާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.
އެގޮތުން ކުޅުދުއްފުށީގައި ދެ ދާއިރާއަކަށް ވޯޓުލުން ކުރިއަށްދާއިރު އެ ދެ ދާއިރާއަކީ ކުޅުދުއްފުށީ އުތުރު ދާއިރާ އަދި ކުޅުދުއްފުށީ ދެކުނު ދާއިރާ އެވެ. ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރައްވަނީ މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގައި ވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުންއަންނަ އެމްޑީޕީގެ ކެނޑިޑޭޓް ޔާސިރު އަބްދުލް ލަތީފާއި ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު ދާއޫދެވެ. ދެކުނު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ފަރުހަތު މުހައްމަދެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 3559 މީހުންނަށެވެ. އަދި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 3514 މީހުންނަށެވެ.
މުޅި ރާއްޖެއިން މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 284،337 މީހަކަށް ލިބެ އެވެ. އެއީ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.
މި އިންތިހާބުގައި ކުޅުދުއްފުށީގައި ޖުމްލަ 9 ވޯޓުފޮށި ބެހެއްޓިފައިވާއިރު މީގެ ތެރެއިން 1 ފޮއްޓަކީ ރަށުން ބޭރު މީހުންނަށް ހާއްސަކުރެވިފައިވާ ވޯޓު ފޮއްޓެކެވެ.
ވޯޓްލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 5:30 އަށެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ 5:30 ގެ ފަހުން އެއް މިނެޓު ވިޔަސް، ވޯޓުލާން އިތުރު ފުރުސަތެއް ނުދޭނެ ކަމަށާއި އެހެންވެ ގަޑި އަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓު ނިމެން ކައިރިވުމުން ވޯޓު ލާ ގަޑި އިތުރު ކުރެ އެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އީސީން ނިންމާފައި ވަނީ އެއްގޮތަކަށް ވެސް ވަގުތު އިތުރު ނުކޮށް ކުރިން އިއުލާންކޮށްފައި އޮތް ވަގުތަށް ވޯޓު ނިންމުމަށެވެ.