ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެެއެވެ.
ވަޒީރުންނާއި ސުވާލުކުރުމަށް ކުރިޔަށް ގެންދާ "އަހާ" ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަން މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ރާއްޖޭގައި އުޅެނީ ކިހާ ބިދޭސީންނެއްކަމެއް ކޮން ބައެއް ކަމެއް އަދި ކިހާ ބައެއް ކަން ކަނޑައެޅިގެން މިހާތަނަށް އަދި ހޯދިފައިނުވާކަމަށެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ފުރަތަމަ ކުރާ މަސައްކަތަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާބްތައް ނެގުންކަމަށެވެ. އަދި މި މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ހިންމަފުށީގައި ފާށާނެކަމަށްވެސް ވަޒީރު އިހްސާން ވިދާޅުވިއެވެ.
" ހާއްސަކޮށް އަންސްކިލްޑް ލޭބަރ މިކިޔާ ކެޓަރީގައި ތިބި ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައި އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި ހުރި ވޯކް ޕާމިޓް ރިކޯޑްތަކާއި އެމީހުންނާއި ދިމާކުރަނީ. މީގެތެރެއިން ބައެއް މީހުންނަކީ މީގެ ރެކޯޑްތަކުގައިވެސް ނެތް މީހުން. އެހެންވީމަ މިމީހުން މި ރެކޯޑްތެރެއަށް ނަގާފައި، މިވަގުތު ގަވައިދާ ހިލާފުވެފައި ތިބީ ކޮންބައެއްތޯ އޭނަ ހުރީ ކޮންތާކުތޯ، ކާކުގެ ބެލުމުގެ ދަށުގައިތޯ، ނުވަތަ އެއްވެސް މީހެއްގެ ބެލުމުގައި ދަށުގައި ނޫންތޯ، އެމީހުން ސިސްޓަމްގެ ތެރެއަށް ވައްދަން މި ފަށަނީ." މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
ރާއްޖޭގައި ގަވައިދާހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ޒަމާނުންސުރެ ހައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ.
އަންނަ ބުރާސްފަތި ދުވަހު ފަށަން ހަމަޖެހިފައިވާ ބިދޭސީން ގަވައިދަށް ފެއްތުމަށް މުޅި ރާއްޖޭގައި ހިންގާ ޕްރޮގުރާމުގައި މަސައްކަތް ކުރިޔަށް ގެންދާނީ ފުލުހުންނާއި ކައުންސިލްތަކާއި ގުޅިގެންކަމަށް އިހްސާން ވިދާޅުވިއެވެ.