twitterviber whatsapp telegramfacebookyoutube instagram
19th May 2024

މީހަކަށް ކުރެވޭ ކުށުގެ ނާޖާއިޒު ފައިދާ ނަގަން ވީޑިއޯކޮށް ފަލީހަތްކޮށްގެން ނުވާނެ: ރައީސް

May 6, 2024

މީހަކަށް ކުރެވޭ ކުށަކުން އެމީހަކު ފަލީހަތްކޮށް، ޤާނޫނު އަތްމައްޗަށް ނެގުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

ރައީސް މިފަދައިން ގޮވާލައްވާފައިވަނީ ކުރީގެ ހޯމް މިނިސްޓަރ، އިމްރާން އަބްދުﷲގެ ކާރުކޮޅުގައި އާންމުންގެ މީހަކު ދުއްވާފައި ދިޔަ ޕިކަޕަކުން ޖެހުމުން، އެފަހުން ހިނގައިދިޔަ ބައެއް ކަންތައްތައް ވީޑިއޯކޮށް ބަޔަކު މީހުން މީސްމީޑިއާގައި ދައުރުކުރަން ފެށުމުންނެވެ.

އެކަމާއި ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަލީހަތްކޮށް ހެދުމަކީ، އަހުލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށެވެ.

ކުށެއް ކޮށްފި މީހަކާއި މެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށާއި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމައުން ނައްތާލަން މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް ވެސް އެޅޭ ހުރަހެއް ކަމަށެވެ.

"އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ!" ރައީސް ވިދާޅުވިއެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ އިމްރާންގެ ކާރުގައި ޕިކަޕަކުން ޖެހުނު މައްސަލައެއްގައި، ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި މެމްބަރަކު، އެމައްސަލަ ހައްލުކުރުމަށް ދެފަރާތާއި ވާހަކަ ދައްކާ މަންޒަރެވެ.

އެގޮތުން ޕިކަޕު ދުއްވި މީހާއަށް މާފު ކުރުމަށް އޭނާ އިމްރާން ކައިރީގައި އެދުނުއިރު، އިމްރާން އެކަމާއި ވަކި އެއްޗެއް ނުބުނުމުން ގިނަ ބައެއްގެ ނުރުހުން އިމްރާނަށް ވަނީ ލިބިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355