twitterviber whatsapp telegramfacebookyoutube instagram
27th July 2024

ކޮންމެ ސްކޫލަކަށް އެއްލައްކަ ރުފިޔާ، ޕްރިންސިޕަލުންގެ ތައުރީފް ސިޓީ ކައުންސިލަށް

އަބްދުލް ވާހިދު ޙަސަން
May 14, 2024
2

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެރަށުގެ ސަރުކާރު ސްކޫލްތަކަށް ދެމުންދާ ގްރާންޓް އެއްލައްކަ ރުފިޔާއަށް ބޮޑުކޮށް، މިއަދު ސްކޫލްތަކާ ހަވާލުކޮށްފި އެވެ. މީގެ ކުރިން ސްކޫލްތަކަށް ސިޓީ ކައުންސިލުން ދެމުން އައީ 50،000 ރުފިޔާގެ ގްރާންޓެވެ.

ސްކޫލް ގްރާންޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ތަނެއް ތަރައްގީވުމުގައި އެންމެ މުހިންމު ދާއިރާއަކީ ތައުލީމީ ދާއިރާކަމުން އެ ދާއިރާ ކުރިއެރުވުމަށް ސިޓީ ކައުންސިލުން އިސްކަންދޭ ކަމަށެވެ.

ޕީޓީއޭތަކުން ސްކޫލްތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތައްވެސް ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ، ގްރާންޓާއެކު ދަރިވަރުންގެ ތައުލީމަށާއި ސްކޫލްތަކަށް ހެޔޮބަދަލް ފެންނާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ސްކޫލް ގްރާންޓް ހަވާލުކުރުމުގެ މި ރަސްމިއްޔާތުގައި ސްކޫލްތަކުގެ ޕްރިންސިޕަލުންވެސް ވާހަކަދެއްކެވި އެވެ. އެގޮތުން ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު މަތީން ދެއްކެވި ވާހަކައިގައި ވިދާޅުވީ، އެއްލައްކަ ރުފިޔާގެ ގްރާންޓް އެހީއަކީ ސިޓީ ކައުންސިލުން ދެއްކި ނަމޫނާއެއް ކަމަށާއި މިއީ ދަރިވަރުންގެ ކުރިއެރުމަށް ކައުންސިލުން އިސްކަންދޭ މިންވަރު ހާމަވި ކަމެއްކަމަށެވެ.

"ތަނެއް ކުރިއަރާ މިދަނީ އެތަނެއްގެ ތައުލީމީ ނިޒާމު ކުރިއަރާގޮސްގެން. މުޖުތަމައު ރަނގަޅުކުރަން ބޭނުންނަމަ އަޅުގަނޑުމެންނަކީ ހޭލުންތެރިން ރަނގަޅު ގާބިލް ބަޔަކަށް ހެދޭނީ ތައުލީމީ ދާއިރާ ރަނގަޅުކުރެވިގެން." މަތީން ވިދާޅުވި އެވެ.

ކޮންމެ އަހަރަކުވެސް ސްކޫލްތަކުން ގިނަ ކަންތައްތަކެއް ކުރަން ރާވާއިރު އެންމެ ބޮޑު ގޮންޖެހުމަކަށްވެފައިވަނީ ފައިސާގެ ދަތިކަން ކަމަށެވެ. އޭގެ ތެރެއިން ގިނަ ކަންކަން ހާސިލްކުރަނީ ޕީޓީއޭތަކުންނާއި ކުލަބް ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދައިގެންކަން މަތީން ފާހަގަކުރެއްވި އެވެ. އަދި މިއަދު ލިބިގެން މިދިޔަ ގްރާންޓުން އުންމީދުތަކަށް ތަސައްލީއެއް ލިބިގެންދިޔަކަން މަތީން ފާހަގަކުރެއްވި އެވެ.

"ފުރަތަމަވެސް ޝުކުރުއަދާކޮށްލަން ބޭނުންވޭ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ސިޓީ ކައުންސިލުން އަޅުގަނޑުމެންނާ އެއްކޮށް ތިއްބެވިކަން ސާބިތުކޮށްދެއްވަމުން ގެންދަވާތީ. އަދި އެކަމުގެ އަލިގަދަ ހެއްކެއް މިއަދު އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ." ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވި އެވެ.

ބަދަލުވަމުން މިދާ ދުނިޔޭގައި އުންމީދުކުރާ އުންމީދުތައް ހާސިލްކުރުމަށްޓަކާ ސްކޫލްތަކުން އަބަދުވެސް އޮންނަނީ އެހީތެރިކަން ބޭނުންވެފައިވާ ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި މި ގްރާންޓް މެދުނުކެނޑި، ފުޅާވަމުންދާނެކަމަށް އުންމީދުކުރައްވާކަމުގައި އައިމިނަތު ވިދާޅުވި އެވެ.

" ހަގީގަތުގައި ސިޓީ ކައުންސިލުން މިދެއްކެވި ނަމޫނާއަކީ ވަރަށް މުހިންމު ވަރަށް ރަނގަޅު ނަމޫނާއެއް. ސްކޫލްތައް ތަރައްގީވަމުން ކުރިއަރަމުން މިދަނީ މުޖުތަމައުގެ އެހީތެރިކަމާއެކު." އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ކައުންސިލްގެ އެއްލައްކަ ރުފިޔާގެ ގްރާންޓަކީ ނިސްބަތުން ބޮޑު އެހީތެރިކަމެއް ކަމަށާއި އޭގެ ސަބަބުން މިހާރަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ކުރެވޭނެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އަދުނާން ވިދާޅުވި އެވެ.

ސްކޫލް ގްރާންޓް ތާއަރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްގީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުންއަންނަ ހަރަކާތްތަކަށް އެހީތެރިވުމާއި، ސްކޫލްތަކުގެ ޕީޓީއޭ އިން ސްކޫލްގެ ތަރައްގީއަށް ފަންޑް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355