twitterviber whatsapp telegramfacebookyoutube instagram
18th June 2025
ADVERTISEMENT
ޖާގައިގެ މައްސަލަ ހައްލުނުވެ މިއަހަރުވެސް ދިރާސީ އަހަރު ކިޔެވުން ފެށިއްޖެ. މިއަހަރު ކުޅުދުއްފުށީ ސްކޫލްތަކުގައި 3000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރާނެ--ފޮޓޯ: ޖަލާލުއްދީން ސްކޫލް

ދިރާސީ އަހަރު ފެށުނުއިރު ކުޅުދުއްފުށި ސްކޫލްތަކުގައި ޖާގައިގެ މައްސަލަ ބޮޑު

- ކުޅުދުއްފުށީގެ ސްކޫލްތަކުގައި މިއަހަރު 3000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރާނެ

އަބްދުލް ވާހިދު ޙަސަން
May 26, 2024

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ކުޅުދުއްފުށީ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު 3009 އަށް އަރައިފި އެވެ. ފާއިތުވި އަހަރު އެ އަދަދު އުޅުނީ 3000 ގަ އެވެ.

އަހަރުން އަހަރަށް ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނައިރު މިއަހަރުގެ ވެސް އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލްތަކުގެ ޖާގައިގެ މައްސަލަ އެވެ. ނިމިދިޔަ ސަރުކާރުގައި ހަދަން ފެށި ކުލާސް ރޫމްތަކުގެ މަސައްކަތް ހުރީ އެއްކޮށްހެން ހުއްޓިފަ އެވެ.

މިއަހަރު އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލުކުރަނީ ފައުންޑޭޝަން ގުރޭޑްތަކުން ފެށިގެން ގްރޭޑް 1 ން 10 އަށް ކިޔަވައިދޭ ހދ އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. އެ ސްކޫލުގައި މިއަހަރު ޖުމްލަ 1071 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ.

އަފީފުއްދީން ސްކޫލްގެ ދަރިވަރުންތަކެއް. އެ ސްކޫލަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ މައްސަލަ--ކޭއޯފޮޓޯ

އަތޮޅުތެރޭގެ ސްކޫލުތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު މި ސްކޫލަށް މިއަހަރު އަލަށް ވަދެފައިވަނީ 102 ދަރިވަރުންނެވެ. އެއްދަންފަޅި ކިޔެވިނަމަވެސް މި ސްކޫލްގައިވެސް ޖާގައިގެ މައްސަލަ ބޮޑެވެ.

ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 10 އަކަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލްގައި މިއަހަރު 1063 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ. އެ ސްކޫލަށް އަލަށް މިއަހަރު ވަދެފައިވަނީ 82 ދަރިވަރުންނެވެ.

ޖާގައިގެ ދަތިކަމާ ހެދި މިއަހަރުވެސް އަފީފުއްދީން ސްކޫލްގައި ކިޔަވައިދެނީ ދެ ފަންފަޅިއަށެވެ. ޖަލާލުއްދީން ސްކޫލަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ މައްސަލަ އެވެ.

ހދ އޭއީސީގެ ދަރިވަރުންތަކެއް. މިއަހަރު އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރާ އެއް ސްކޫލް--

ގުރޭޑް 1-12 އަށް ކިޔަވައިދޭ ޖަލާލުއްދީން ސްކޫލުގައި މި އަހަރު ޖުމްލަ 738 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ. އެކަމަކު އޭލެވެލްއަށް ފެށުމުން އެ އަދަދު އިތުރުވާނެ އެވެ. އެ ސްކޫލަށް މިއަހަރު އަލަށް 45 ދަރިވަރުން ވަދެފައިވެ އެވެ.

މީގެ އިތުރުން ކުޅުދުއްފުށީގައި އަމިއްލަ ފަރާތްތަކުން ހިންގާ ޕްލޭ ސްކޫލެއްކަމަށްވާ ސްމާޓް ވޭލީ ސްކޫލުގައި މިއަހަރު 137 އެއްހާ ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ.

ކުޅުދުއްފުށީގެ ސްކޫލުތަކުގައި މިއަހަރު 294 ޓީޗަރުން މަސައްކަތްކުރާނެ އެވެ. އޭގެ ތެރެއިން 41 ޓީޗަރުންނަކީ ބިދޭސީ ޓީޗަރުންނެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com