twitterviber whatsapp telegramfacebookyoutube instagram
5th July 2024

މަރު ކޮމިޝަން އުވާލައްވައިފި

ނަބީލާ އިސްމާޢީލް
Jun 3, 2024

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ކުރީ ސަރުކާރުން އުފެއްދި މަރު ކޮމިޝަން އުވާލާފައިފިއެވެ.

މި ކޮމިޝަން އުވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ.

ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވީ، "2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2018/13 ގެ ޤަރާރުން، އުފެއްދި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން އާއި މަތިކޮށްފައިވާ މަސައްކަތްތައް އެ ކޮމިޝަނުން ނިންމައިފައިވީ ހިނދު، ބަޔާންވެދިޔަ ކޮމިޝަން އުވައިލުމަށް ނިންމައި، އެކަން ކަނޑައެޅުމަށްޓަކައި މި ޤަރާރު އެކަށައެޅީ" ކަމަށެވެ.

މަރު ކޮމިޝަން އުވާލާފައިވާއިރު، އެ ކޮމިޝަނުން ވަނީ ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ ނޫސްވެރިޔާ، އަހުމަދު ރިލްވާން އާއި ބްލޮގަރު، ޔާމީން ރަޝީދު މަރާލި މައްސަލައިގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމަށްވާ، ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލަ ތަހުގީގު ކޮށްފައެވެ.

މަރު ކޮމިޝަނުން މީގެ ކުރިން ވަނީ މިދިޔަ މަހުގެ ނިޔަލަށް މަސައްކަތްތައް ނިންމައި، ރައީސް އޮފީހާއި ހުރިހާ މައްސަލައެއްގެ ރިޕޯޓް ހަވާލު ކުރާނެ ކަމަށް ބުނެފައެވެ.

މަރު ކޮމިޝަނަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރި ނަމަވެސް، އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. މަރު ކޮމިޝަނަށް 2019ގައި އެކަނިވެސް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު، 2018އިން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް، މުސާރައާއި އެލަވަންސަށް 4.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355