މި ބައްދަލުވުންތަކުގައި ކުޅުދުއްފުއްޓަށް މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި.
ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ތިން މިނިސްޓަރަކާ ބައްދަލުކުރައްވައި މުހިންމު ބައެއް ކަންކަމާ މަޝްވަރާކުރައްވައިފި އެވެ.
އެގޮތުން މިދިޔަ އަންގާރަދުވަހު ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމްއާ ބައްދަލުކުރައްވާ މަސްވެރިކަމުގެ ދާއިރާއިން ކުޅުދުއްފުއްޓަށް މިވަގުތު ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ކުޅުދުއްފުއްޓަކީ ސްޕޯޓްސް ފިޝިންގެ ބޮޑު ކޮމިއުނިޓީއެއް އޮތް ރަށަކަށްވާތީ މިބާވަތުގެ މަސްވެރިކަން ކުރާފަރާތްތަކަށް ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގައި ކަނދުފަތި އެޅުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް މޭޔަރު އެދިވަޑައިގެންނެވި އެވެ.
އަދި މިހާރު ކުޅުދުއްފުށީގައި ފެނަކައިން ގާއިމުކުރަން ފަށާފައިވާ އައިސް ޕްލާންޓްގެ މަސައްކަތް ހުއްޓިފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދުމުގެ އިތުރުން މިޔަރުގެ މަސްވެރިކަން ކުރެވޭނޭ ގޮތެއް ހޯދުމާއި ގުޅޭގޮތުން މޭޔަރު ވަނީ މިނިސްޓަރާ މަޝްވަރާ ކޮށްފަ އެވެ.
މީގެ އިތުރުން މޭޔަރު ވަނީ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ބައްދަލުކުރައްވާ ކުޅުދުއްފުށީގައި ފުރިހަމައަށް ސިޓީ ޕޮލިސް ގާއިމުކުރުމާއި، ފުލުހުންގެ ސްޓްރެންތް އިތުރުކޮށް މަސައްކަތްތައް ފުޅާކުރުމަށް މަޝްވަރާކުރެއްވި އެވެ. އަދި މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމާއި، ފުލުހުންގެ މަސައްކަތަށް ބޭނުންވާ ވަސީލަތް ހޯދުމާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.
އައިޑީކާޑު ހެއްދުމުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދުމާއި، މުސްތަގުބަލުގައި ކުޅުދުއްފުށިން އައިޑީކާޑު ޕްރިންޓް ކުރެވޭނޭ އިންތިޒާމް ހަމަޖެއްސުމާއި، ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނޭ ގޮތްތަކާއި، ޑްރަގް ރިހިބިލިޓޭޝަންގެ މަސައްކަތް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރި އެވެ.
މި ބައްދަލުވުމުގައި އެމިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަލީ އަދި ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސެސްގެ އެސިސްޓަންޓް ކޮމިޝަނަރު ފަރްހާދް ފިކްރީ ވެސް ވަނީ ބައިވެރިވެފަ އެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި ބައްދަލުކުރައްވާ ކައުންސިލްތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި، ނިޒާމު އިތުރަށް ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުވާ ރައްޔިތުންނާގާތަށް ވެރިކަމުގެ ބާރުތައް އިތުރަށް ގެނެވޭނޭ ގޮތްތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރެއްވި އެވެ.
އަދި ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދޭނޭ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވި އަދި ޕަބްލިކް ވޯކްސްގެ ވަސީލަތްތައް އިތުރުކުރުމާއި އެ ޔުނިޓްގެ މަސައްކަތްތައް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާބެހޭ ވަޒީރު އާދަމް ޝަރީފާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފަ އެވެ.