މާފުށީ ޖަލަށް ފޯނު ވެއްދުން ހުއްޓުވުމަށް އެ ތަނުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ، މާފުށީ ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވަން، ޖަލަށް ޒިޔާރަތް ކުރާ މީހުން ގެންދާ ތަކެތި ސްކޭން ކުރެވޭ ގޮތަށް ބޮޑީ ސްކޭނިން މެޝިނެއްވެސް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އިހުސާން ވިދާޅުވީ މީހުންނަށް އޮޅުވާލައިގެން ފައިސާ އަތުލުމަށް ކުރާ ސްކޭމް ކޯލްތައް އާންމުކޮށް ގައިދީންގެ ފަރާތުން އަންނަ ކަމަށާއި އެހެންވެ، ޖަލަށް ފޯނު ފަދަ މަނާ ތަކެތި ވެއްދުން ހުއްޓުވަން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.
"ހިތާމަވެރި ހަގީގަތަކީ ޖަލު ތެރޭގައި ހަމަ ކޮންމެ ގޮޅިއެއްގައި އެވަރެޖުކޮށް ފޯނާއި އެއްޗެހި ފެންނަމުން އެބަދޭ، މަސްތުވާތަކެތި އެބަ ފެނޭ، އަޅުގަނޑުމެން އެއަށް އަޅަން ޖެހޭ ފިޔަވަޅު މިހާރު ޖަލުން ދަނީ އަޅަމުން،" އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ސްކޭމް ކޯލްތައް ހުއްޓުވަން މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޭމް ހުއްޓުވަން ހާއްސަ ސެންޓަރެއް އުފެއްދުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް އިހުސާން ވިދާޅުވިއެވެ.
"އަވަސް ފިޔަވަޅު އެޅުން މީގައި ހައްލަކީ، މީހާގެ ފައިސާ ފޭރިގަންނަ ހާލަތުގައި ވީ އެންމެ އަވަހަކަށް އެ ރިކަވާ ކުރެވޭނެ މަގު އެއަށް މިހާރު އަޅުގަނޑުމެން ޕްރޮޓޮކޯލްސްތައް މިހަދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި މައްސަލަ ވެސް ވަރަށް ފަސޭހަކަމާއެކު ކުރިއަށް އޮތް ތަނުގައި ހައްލު ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
މިދިޔަ މާޗު މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވަނީ، މާފުށީ ޖަލުން ސްކޭމް ކޯލް ކޮށްގެން ވަގަށް ނެގި ބައި މިލިއަން ރުފިޔާ 40 މީހެއްގެ އެކައުންޓުގައި ދައުރުކޮށްފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން އެ މަހުގެ ހަތް ވަނަ ދުވަހު މާފުށި ޖަލުގައި އޮޕަރޭޝަނެއް ހިންގައި ޖަލުން 22އަށް ވުރެ ގިނަ ފޯނު ހޯދައިފައިވާ ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ.
ހަށިގަނޑުގައި ފޮރުވައިގެންނާއި އެހެނިހެން ގޮތްގޮތަށް ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ވެސް އެތައް ފިޔަަވަޅެއް އަޅައި، އެކަމަށް ހާއްސަ އޮޕަރޭޝަންތައް ވެސް ހިންގައިފައިވެއެވެ.