twitterviber whatsapp telegramfacebookyoutube instagram
1st July 2024

އާމްދަނީ ހޯދައިގެން 13 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދައްކައިފިން: ރައީސް

ނަބީލާ އިސްމާޢީލް
Jun 24, 2024

ފައިސާ ޗާޕުނުކޮށް، ލޯނު ނުނަގައި، ދައުލަތަށް އާމްދަނީ ހޯދައިގެން އެ އާމްދަނީގެ ތެރެއިން 13 ބިލިއަން ރުފިޔާ އެކިފަރާތްތަކަށް ދައްކާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައިސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ (ޕީއެންސީ) ހައުސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެތެރެއާ ބޭރުގެ ދަރަނިތައް އަދާކުރުމަށް ޖުމްލަ 13 ބިލިޔަން ރުފިޔާ މި 7 މަސްތެރޭގައި ދައްކާފައިވާކަމަށާ، އޭގެ ތެރޭގައި ބޭރުގެ ދަރަނީގެ 2.7 ބިލިޔަން ރުފިޔާ ޑީފޯލްޓް ނުވެ ދައްކައިފައިވާކަމަށެވެ.

މީގެ ތެރޭގައި ނިމިދިޔަ ސަރުކާރުން ރާއްޖޭގެ އެކި ކުންފުނިތައްލައްވައި މަސައްކަތްތައް ކުރުވުމަށްފަހު އަގު އަދާނުކޮށްހުރި 9 ބިލިޔަން ރުފިޔާގެ ތެރެއިން ،4 ބިލިޔަން ރުފިޔާވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ހުރީ 2 މިލިޔަން ޑޮލަރުގައި ކަމަށާއި ނަމަވެސް މި ވޭތުވެދިޔަ 7 މަހުގެ ތެރޭގައި ސަރުކާރުން ކުރި މަސައްކަތުން މިހާރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު 54 މިލިޔަން ޑޮލަރަށް އިތުރުކޮށްފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ އެހެންމެ ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު އެ އަދަދު 100 މިލިޔަން ޑޮލަރަށް މައްޗަށް ޖެއްސުންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާކަން ތަކުރާރު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއީ ބޭރުގެ މާލީ އިދާރާތަކުންވެސް ތައުރީފުކުރައްވާ ނިންމުމެއްކަން ފާހަގަކުރައްވާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ މެދަކާ ހަމައަށްދާއިރު އެއާޕޯޓްގެ ޓާމިނަލް އަދި ޓާމިނަލްއާ ގުޅިފައިވާ މަސައްކަތްތައް އެކީ ނިންމާލެވޭނެ ކަމަށެވެ.

ހަމަ އެހެންމެ އާ ޓާމިނަލްގައި ގާއިމުކުރާ 8 އެއަރޯ ބްރިޖުގެ ތެރެއިން މަދުވެގެން 3 ބުރިޖުގެ މަސައްކަތް ނިންމައި މިއަހަރު ނިމޭހާތަނުގައި ބޭނުންކުރެވޭވަރު ވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން އިއުލާނުކޮށްފައިވާ އެއާޕޯޓް ފުޅާކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިޔަށްދާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355