twitterviber whatsapp telegramfacebookyoutube instagram
18th October 2024

ހާފިޒުންނަށް ދޭ އިނާޔަތް ދެ ގުނަ ބޮޑުކުރަނީ

ނަބީލާ އިސްމާޢީލް
Jul 17, 2024

ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް މިހާރަށްވުރެ ދެ ގުނަ ބޮޑުކުރައްވަން ނިންމަވައި އެ ކަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާނުކުރައްވައިފިއެވެ.

ހާފިޘް ކަމުގެ ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ހާއްސަ އިނާޔަތް ކަނޑައަޅާނީ ރައީސް އޮފީހުގެ ލަފާގެ މަތިން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުންނެވެ. މި އިނާޔަތް ދާއިމީ ގޮތެއްގައި ކޮންމެ މަހަކު ހާފިޘުންނަށް ލިބޭނެއެވެ.

ހާފިޒުންގެ ދަސްވެނިވުމާއި ގައުމީ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި ރައިސުލްޖުމްހުރިއްޔާ ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ޤުރްއާން އަދި ދީނީ އިލްމު ފެތުރުމަށް އިސްކަން ދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ މީގެކުރިން ކީރިތި ޤުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އަންނަކަމަށާއި މި ސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން އެ ކަމަށް ހާއްސަ ހޭދައެއްކުރުން ކަމަށެވެ.

"އެ ކަމަށް ޓަކައި ވަސީލަތްތައް އިތުރުކުރެވޭނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި އަވަސް މުއްދަތެއްގައި ކީރިތި ގުރްއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި އަންނަ އަހަރުން ފެށިގެން ހަދާނެކަމަށް ވެސް ވިދާޅުވިއެވެ.

ހާފިޘުންނަށް މިހާރު ލިބެނީ 2،000 ރުފިޔާގެ އިނާޔަތެކެވެ. އެހެންކަމުން ދެން އެ އިނާޔަތް 4،000 އަށްވުރެ މަތިވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355