twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ކުޅުމުގެ ފުރުސަތު މިއަހަަރުވެސް އަތޮޅުގެ ހަތަރު ޓީމަކަށް

އަބްދުލް ވާހިދު ޙަސަން
Jul 21, 2024

ކުޅުދުއްފުށީގައި ބާއްވާ އެންމެ ޝަރަފްވެރި ކުޅިވަރު މުބާރާތްކަމުގައިވާ ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު މިއަހަރުވެސް އަތޮޅުގެ ހަތަރު ޓީމަކަށް ދީފި އެވެ.

ކުޅުދުއްފުއްޓަށް ހާއްސަކޮށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކުޅުދުއްފުށީގެ 8 ޓީމަކަށް ހުޅުވާލުމުން ބައިވެރިވީ ހަތަރު ޓީމަކުންނެވެ.

އެހެންވުމުން މިދިޔަ އަހަރެކޭވެސް އެއްގޮތަށް މުބާރާތުގައި ބައިވެރިވުމަށް އަތޮޅުގެ ޓީމުތަކަށް ހުޅުވާލީ އެވެ. މޭޔަރު އާތިފް ވިދާޅުވީ ފުރަތަމަ ހުޅުވާލީ 2023 ވަނަ އަހަރު މުބާރާތުގައި ބައިވެރިނުވާ ހދގެ ރަށްތަކަށާއި ށ ކަނޑިތީމް އަދި ގޮއިދޫގެ ޓީމުތަކަށެވެ. އެ ފުރުސަތުގައި ބައިވެރިވީ ހިރިމަރަދޫ އާއި ނޭކުރެންދޫ ކަމަށް މޭޔަރު ވިދާޅުވި އެވެ.

8 ޓީމު ހަމަކުރުމަށް ތިންވަނަ ފަހަރަށް ހުޅުވާލި އެވެ. އެފަހަރު ފުރުސަތުދިނީ ހަނިމާދޫ، ނޮޅިވަރަންފަރު، އަދި ނޮޅިވަރަމުގެ ޓީމުތަކަށެވެ. އެތަނުން ބައިވެރިވީ ހަނިމާދޫ އާއި ނޮޅިވަރަމެވެ.

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި މިއަހަރު ބައިވެރިވި ޓީމްތައް

  • މާއްޓޭ ސްޕޯޓްސް
  • ޒިގްޒެގް ފޯ ޔޫތް ލިންކޭޖް
  • ކުލަބް ކޮރަލްސް
  • މަންޓާ ސްޕޯޓްސް އެކަޑަމީ
  • ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
  • ކުލަބް ސެނޯން (ނޭކުރެންދޫ)
  • ކުލަބް ޑޮމިނޭޓަރސް (ހިރިމަރަދޫ)
  • ކުލަބް ތިލަދުންމަތި (ނޮޅިވަރަމް)

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތް މި އަހަރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓްމަހުގެ ތެރޭގައި އެވެ. މިއަހަރުގެ ޗެމްޕިއަން ޓީމަށް 75000 ރުފިޔާ ހުށަހެޅިފައިވާއިރު ރަނަރަޕް ޓީމަށް 20000 ރުފިޔާ ހުށަހެޅިފައިވެ އެވެ.



މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ގަވައިދުން ކުރިއަށް ދާނެ ފެންވަރު ރަނގަޅު ފުޓުބޯޅަ މުބާރާތެއް ބޭއްވުމާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އަދި ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް ގައުމީ ފެންވަރުގައި ފުޓްބޯޅަކުޅޭ ޒުވާނުން އުފެއްދުމާއި ފުޓުބޯޅައަކީ ދިވެހިރާއްޖޭގެ އެންމެ ގިނަބަޔަކު ލޯބިކުރާ ކުޅިވަރަށް ވެފައި، ކުޅުދުއްފުއްޓަކީ ގައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށެއް ކަމުގައި ހެދުމެވެ. އަދި ކުޅުދުއްފުށީގެ ފުޓްބޯޅަ މުޅިން އާ ހަރުފަތަކަށް ގެންދިއުމާއި ޒުވާނުން ކުށުގެވެށިން ދުރުކޮށް ރަށުގެ އިޖްތިމާއީ ރޫހު އާލާކޮށް ދިރުވުން ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވެ އެވެ.

މިދިޔަ 2023 ވަނަ އަހަރުގެ މުބާރާތުގައިވެސް އަތޮޅުގެ ހަތަރު ޓީމަކަށް ފުރުސަތު ދިނެވެ. އެއީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ނޮޅިވަރަމްގެ ކުލަބް ހުވާސްއާއި ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355