ޖަޕާނު ސަރުކާރުން ދޭ ސްކޯލާޝިޕްގެ މަޝްރޫއަށް ހިލޭ އެހީގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މި އެހީ ދީފައި ވަނީ އިއްޔެ ބޭއްވި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް"ގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އިއްޔެ ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް ތަކެއުޗި މިދޮރިއެވެ.
Japan provides a Grant Aid of 161 million Japanese Yen to the Maldives to the Project for Human Resource Development Scholarship
— Ministry of Foreign Affairs 🇲🇻 (@MoFAmv) July 30, 2024
📃 Press Release | https://t.co/1E7lA2vhkO pic.twitter.com/KPTqbpYGOU
މި ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)ގެ ދަށުން މިއަހަރަށް ދޭން ހަމަޖެހިފައިވާ ހަ ސްކޮލަޝިޕްގެ ފުރުސަތު ވަނީ ދީފައެވެ.
އަދި އެ އެއްބަސްވުމުގެ ދަށުން ވަނީ މަޝްރޫއަށް ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 161 މިލިއަން ޖަޕާނީސް ޔެން ދިނުމަށް ނިންމާފައެވެ. އެއީ 1.02 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 15 މިލިއަން ރުފިޔާއެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެމުންދާ މި އެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ސްކޮލަޝިޕް ޕްރޮގްރާމުގެ މަގްސަދަކީ މުސްތަގްބަލުގައި އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ފޮރިން މިނިސްޓްރީއާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޖަޕާނު ސަރުކާރުން ދޭ ސްކޯލާޝިޕްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ މެއި މަހުގެ 15ގައި ހުޅުވާލައިފައެވެ. އަދި އެ މުއްދަތު މަނީ މިދިޔަ މަހުގެ ތިނަކަށް ހަމަވެފައެވެ.
ޖަޕާނުގެ ސްކޮލަޝިޕާ ގުޅޭ އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓަރީގެ ރަސްމީ ވެބްސައިޓުންނާއި އެ މިނިސްޓަރީގެ ހޮޓްލައިން ނަންބަރާ ގުޅުމުން ލިބޭނެ ކަމަށް އެ މިނިސްޓަރީން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ.