ކުޅުދުއްފުށީ ސްކޫލްތަކުން އެއްވަނަ ހޯދި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު (ފަރޭ) އެ ދަރިވަރުން ކެއުމެއްދީފި އެވެ.
ކުޅުދުއްފުށީގައި ހުންނަ ސަރުކާރު ތިން ސްކޫލުން ހަތަރު ދަރިވަރުން ބެސްޓްއޯލްރައުންޑްގެ މަގާމުހޯދި އެވެ. އެއީ އޯލެވެލް ނިންމި ތިން ދަރިވަރަކާއި އޭލެވެލް ނިންމި ދަރިވަރެކެވެ.
ހުކުރުދުވަހުގެ ރޭ ކާނިވަލް ރެސްޓޯރެންޓްގައި ކުރިއަށްގެންދިޔަ މި ކެއުމުގައި ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވެލެއްވި އެވެ. ކެއުމުގެ އިތުރުން ކޮންމެ ދަރިވަރަކަށް ހަނދާނީ ފިލައަކާއި ފައިސާއެއްގެ އިނާމެއްވެސް ފަރުހަތު ވަނީ ދީފައެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ފަރުހަތު ވިދާޅުވީ، ކޮންމެ ދަރިވަރަކުވެސް ބަލަންވީ ގައުމު ތިމާއަށް ކޮށްދެނީ ކޮން ކަމެއްތޯ ނުބަލަ ތިމާ ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލާ ހިދުމަތްކުރުމަށެވެ.
އަދި ކޮންމެ ކުއްޖަކުވެސް ގައުމަށް ރަށަށް ބޭނުންވާ ދާއިރާތައް ބަލައި އެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކޮށް ގައުމަށް ހިދުމަތްކޮށްދިނުމަށް އޭނާ އެދިލެއްވި އެވެ.
ބެލެނިވެރިންގެ ފަރާތުން ވާހަކަދައްކަވަމުން ސަމީނާ އެދުނީ ކުޅުދުއްފުށީގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި ތަފާތު ގިނަ ދާއިރާތަކުން ކޯސް ހެދޭނެ ގޮތް ހެދުމަށް މެންބަރު ފަރުހަތު މަސައްކަތްކޮށްދިނުމަށެވެ.