ރައްޔިތުންނަށް ފަސޭހަވާނެހެން ގާތުން ސިއްހީ ހިދުމަތް ހިދުމަތް ދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއްކަމުގައި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ސީއީއޯ އިބުރާހިމް ހަލީމް ރައްޒާގް ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗާއި ކޭއާރުއެޗް ގުޅިގެން މިއަދު ފެށި ޕްލާސްޓިކް ސާޖަރީގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، މިއަދު ފެށުނު މި ހިދުމަތުގެ ސަބަބުން މި ސަރަހައްދުގެ ރައްޔިތުންނަށް މާލެއަށް ދިޔުމަށް ކުރާ ހޭދަ ބޮޑުތަކުން ކުޑަވެ ލުއިވެގެންދާނެ ކަމަށެވެ.
އައިޖީއެމްއެޗްގައި ތަފާތު 30 ސްޕެޝަލިޓީއެއްގެ ހިދުމަތް މިހާރުވެސް ދެމުންދާއިރު ރައްޔިތުންނާ ގާތުން ފަސޭހައިން އެ ހިދުމަތްތައް ލިބޭނެ ގޮތް ހެދުމަކީ އައިޖީއެމްއެޗްގެވެސް ޒިންމާއެއްކަމުގައި އެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލެއްގައި އެ ހޮސްޕިޓަލެއްގެ ވަސީލަތްތައް ހުރި މިންވަރަކުން އަޅުގަނޑުމެންގެ ޑޮކްޓަރުންގެ އެކި އެކި ޓީމުތައް އެކި އެކި ރަށްރަށަށް އެ ހޮސްޕިޓަލްތަކަށް ވަޑައިގެން ރައްޔިތުންނާއި ގާތުން އެ ހިދުމަތްތަށް ދެވޭނެ ގޮތެއް ފޯރުކޮށްދިނުން." އައިޖީއެމްއެޗްގެ ސީއީއޯ ވިދާޅުވި އެވެ.
އެގޮތުން އެ ޒިޔާރަތްތަކުގައި ހޮސްޕިޓަލްތަކުގައި އިތުރަށް ފުރިހަމަކުރަންޖެހޭ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރ އަދި އެހެނިހެންވެސް ބޭނުންވާ ލަފާވެސް ޓީމުން ފޯރުކޮށްދޭނެ ކަމަށެވެ.
ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާ ފުޅާކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައިޖީއެމްއެޗްގެ ފަރާތުން ދެވެން އޮތް ހުރިހާ ހިދުމަތެއް ރައްޔިތުންނާ ގާތަށް ގެންގޮސްދިނުމަކީ އުންމީދެއްގައި ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ މާލޭގެ ހޮސްޕިޓަލްތަކުގައިވެސް ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން އެބަހުރި ކަމަށާއި އެކަންކަން ރަނގަޅުކުރާއިރު ރީޖަނަލް ހޮސްޕިޓަލްތަކުގެ މެނޭޖްމެންޓްތަކާ ގުޅިގެން ޕޭޝަންޓްގެ މައުލޫމާތު ހިއްސާކުރެވޭނެ ސިންގަލް ޕްލެޓް ފޯމެއް ގާއިމުކުރުމަށް އިސްކަންދޭނެ ކަމަށެވެ.
އެއް ޓެސްޓްތަކެއް ރިޕީޓްކުރުން ފަދަ ކަންކަން އެހެންވުމުން ހުއްޓިގެންދާނެ ކަމަށާއި އެއީ ދައުލަތަށްވެސް ހަރަދު އެތައް ގުނައެއް ކުޑަވެގެންދާނެކަމެއްކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތާގައި ހޮސްޕިޓަލްތަކުން ދެވޭ ހިދުމަތާއި މާލެ ހޮސްޕިޓަލުތަކާއި އަތޮޅުތަކުގައި މި ހުންނަ ހޮސްޕިޓަލުތަކާއި މި ހުރިހާ ހޮސްޕިޓަލުތަކާއި ގުޅިގެން ދެވޭނެ ރަނގަޅު ފެންވަރުގެ ހިދުމަތް ދެވޭނެ ގޮތަކަށް ބައްޓަންކޮށްގެންދާނަން." ހަލީމް ވިދާޅުވި އެވެ.
ޕްލާސްޓިކް ސާޖަރީ އާއި ޖެނެރަލް ސާޖަރީ އަދި ލެޕްރޮސްކޯޕީ ސާޖަރީގެ މަސައްކަތްތައް މިއަދު ފެށިގެންދިޔައިރު ކުރިއަށް އޮތްތަނުގައި އެހެނިހެން ހިދުމަތްތަކުގެ ކޭމްޕްތައްވެސް ކޭއާރުއެޗްގައި ކުރިއަށްގެންދާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.