twitterviber whatsapp telegramfacebookyoutube instagram
19th December 2025

ފިނިފެހި ސިޓީ ޕްރޮގުރާމުގެ ދަށުން އެސްޓީއޯގެ މުވައްޒަފުން ފެހިކުރުމުގެ ޕްރޮގުރާމެއް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Aug 11, 2024

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ 'ފިނިފެހި ސިޓީ' ގެ ޕްރޮގުރާމުގެ ދަށުން އެސްޓީއޯ ކުޅުދުއްފުށީ މުވައްޒަފުންގެ ފެހިކުރުމުގެ ޕްރޮގުރާމެއް ފަށައިފި އެވެ.

މި ޕްރޮގުރާމުގެ ދަށުން 'ދަނޑުމަގު' ގައި މިއަދު ވަނީ ދަނޑުމަގުގައި 83 ފެންފޯއް ރުއް އިންދާފަ އެވެ. މި ޕްރޮގުރާމު ފައްޓަވައިދެއްވުމުގެ ގޮތުން ރުއް އިންދެވީ މޭޔަރު މުހައްމަދު އާތިފެވެ. އަދި މި ޕްރޮގުރާމުގައި ހުރިހާ ކައުންސިލަރުންވެސް ބައިވެރިވެލެއްވި އެވެ.

މިމަގުގައި ވަކި ގޮތަކަށް ގަސް އިންދައި ރީތިކުރުމަކީ ސިޓީ ކައުންސިލްގެވެސް ވަރަށް ބޮޑު ވިސްނުމެއްކަމަށް ކައުންސިލަރު ރިލްވާން މުހައްމަދު ވިދާޅުވި އެވެ. އަދި މިކަމުގައި ކުޅުދުއްފުށީ އެސްޓީއޯގެ މުވައްޒަފުން އިސްނެންގެވީތީ އެ މުވައްޒަފުންނަށް ރިލްވާން ޝުކުރުއަދާކުރެއްވި އެވެ.

މިއަދު އިންދި ފެންފޯއް ރުއްތަކަކީ ކުޅުދުއްފުށީ އެސްޓީއޯގެ މުވައްޒަފުން ނާސަރީއެއްގައި އަމިއްލައަށް ހެއްދި ރުއްތަކެކެވެ. މި ޕްރޮގުރާމުގެ ދަށުން 'ދަނޑުމަގު' ގައި ފެންފޯއް ރުކުގެ އިތުރުން ވަކި ގޮތަކަށް ރަންނިކަ ގަސްވެސް އިންދައި ހައްދާނެ އެވެ. އަދި މި ރުއްތައް ބަލަހައްޓައި ހެއްދުމުގެ މަސައްކަތްކުރާނީވެސް އެސްޓީއޯ އާއި ސިޓީ ކައުންސިލްގެ މުވައްޒަފުންނެވެ.

ކުރިއަށް އޮތްތަނުގައި އެހެން ސަރަހައްދުތައް ފެހިކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމަށް ކުޅުދުއްފުށީ އެސްޓީއޯގެ މުވައްޒަފުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355