twitterviber whatsapp telegramfacebookyoutube instagram
16th September 2024

ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

ނަބީލާ އިސްމާޢީލް
Aug 19, 2024

ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވެއްޖެނަމަ އަހަރަކު ދެފަހަރު ބައި- އިލެކްޝަން ބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް މި އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.

މި އިސްލާހު ހުށަހަޅާފައި ވަނީ ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިޔުމުގެ ސަބަބުން، ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަންތައް ބާއްވަންޖެހޭތީ، އެ އިންތިހާބުތައް ގާތްގާތުގައި ނުބާއްވާ ގޮތް ހެދުމަށްޓަކައެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވަންޖެހޭ ބައި-އިލެކްޝަންތައް، 60 ދުވަހުގެ ތެރޭގައި ބާއްވަންޖެހެއެވެ.

ނަމަވެސް މި އިސްލާހާއެކު އަންނާނެ ބަދަލަކީ، ކައުންސިލްގެ މެންބަރުންގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގައި، 183 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަން ބޭއްވުމެވެ.

ރާއްޖޭގައި ގާތްގާތުގައި އިންތިހާބުތައް ބާއްވާތީ އެއީ ހަރަދު ވެސް ބޮޑުވާ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައަށް ވެސް އޮތް އެންމެ ރަނގަޅު ހައްލަކީ އިންތިހާބުތައް އެކުގައި ބޭއްވުން ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ފުއާދު ވިދާޅުވި ގޮތުގައި، އެ މައްސަލައިގެ ހައްލަކަށް ވާނީ އެކި އަހަރު އެކި އިންތިހާބު ބޭއްވުމުގެ ބަދަލުގައި އިންތިހާބުތައް އެއްކޮށް ބޭއްވުމެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ ހައްލަކަށް ވެދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355