twitterviber whatsapp telegramfacebookyoutube instagram
19th September 2024

އަހަރުން އަހަރަށް ދަރިވަރުންގެ ނަތީޖާ ރަނގަޅުވުމަކީ ކުޅުދުއްފުށިން ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުވަމުން އަންނަކަމުގެ ހެއްކެއް: ޑެޕިއުޓީ މޭޔަރު

އަބްދުލް ވާހިދު ޙަސަން
Aug 20, 2024

އަހަރަކަށްވުރެ އަހަރެއް ހުރިހާ ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވެމުން އަންނައިރު ގައުމީ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންގެ އަދަދުވެސް އިތުރުވަމުން ދިޔުމަކީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވެއްޖެ އެވެ.

2024 ވަނަ އަހަރުގެ މެއި/ޖޫން އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާނުތަކުން ކުޅުދުއްފުށީ ސްކޫލުތަކުން ހޯދި ކާމިޔާބީ އެހެން އަހަރުތަކާ އަޅާ ބަލާއިރު މިއަހަރު ބޮޑުތަނުން އިތުރެވެ. އެކަމާ ގުޅިގެން ސްކޫލްތަކަށް މަރުހަބާ ވިދާޅުވެ ޑެޕިއުޓީ މޭޔަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަހަރުން އަހަރަށް ދަރިވަރުންގެ ނަތީޖާ ރަނގަޅުވެ ކުރިއެރުން ލިބުމަކީ ބެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުންނާއި މުވައްޒަފުންގެ އިތުރުން ޕްރިންސިޕަލުން ކުރައްވާ މަސައްކަތުގެ ފޮނި ނަތީޖާކަމުގައި އެވެ.

"އަހަރަކަށްވުރެ އަހަރެއް ހުރިހާ ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވެމުން އަންނަ އިރު ޤައުމީ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންގެ އަދަދުވެސް އިތުރުވަމުން ދިޔުމަކީ ކުޅުދުއްފުށިން ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުވަމުން އަންނަކަމުގެ ހެއްކެއް. އަދި ހަމަ އެއާއެކު ބެލެނިވެރިންނާ ދަރިވަރުންނާ ޓީޗަރުން އަދި ސްކޫލްތަކުގެ މުވައްޒަފުންނާއި ޕްރިންސިޕަލުން ކުރައްވާފައިވާ މަސައްކަތުގެ ފޮނި ނަތީޖާ." ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގައުމީ ގަދަ ދިހައެއް ފާހަގަކުރުމަކީ މުހިންމު ކަމެއް ކަމަށާއި ކޮމްޕިޓެންސް ނުވަތަ ކަމެއްގައި މޮޅުވުމަކީ އެއީ ކުޅިވަރު ކަމުގައިވިޔަސް، ދީނީ ކަންކަމާއި ގުރުއާން ކިޔެވުން ކަމަށް ވިޔަސް، އެކިއެކި ހާއްސަ ހުނަރުތަކާއި އާޓް ކަމުގައިވިޔަސް ފާހަގަކޮށް ހިތްވަރުދޭންޖެހޭ ކަންކަން ކަމުގައި އެވެ.

އަދި ކިޔެވުމުގައި މޮޅުވުން ނުވަތަ މަތީ ނަތީޖާ ހޯދައި ކުދިންގެ މަސައްކަތް ނުވަތަ ހޯދާ ނަތީޖާ ޑައުންޕްލޭ ކުރުން ނުވަތަ އެކަށީގެންވާ ގޮތެއްގައި އަގުވަޒަން ނުވެ ދިޔުމުގެ އޮއިވަރުގައި ނުޖެހި ކޮންމެ ކަމެއްގައިވެސް ކޮންމެ މީހަކުވިޔަސް ކުއްޖެއްވިޔަސް ކުރިއަރާ ގޮސް ނަތީޖާ ނެރުމުން އެކަށީގެންވާ ގޮތެއްގައި އަގުވަޒަން ކުރުމަކީ މުހިންމުކަމެއްކަމުގައި ޑެޕިއުޓީ ވިދާޅުވި އެވެ.

"ކޮންމެ ދާއިރާއަކުންވެސް ކުރިއަރާދިޔުމަކީ ގަދައަޅާ ކުރާ މަސައްކަތާ މެދުނުކެނޑި ކުރެވޭ މަސައްކަތުގެ ނަތީޖާ. ކޮންމެ ދާއިރާއަކުންވެސް މިފަދަ ނަތީޖާ ނެރެވޭނީ އެމީހަކު އެކަމަކަށް ކުރާ މަސައްކަތަުން، އެމީހެއްގެ ހުނަރުން. މިއީ ފާހަގަކުރަންޖެހޭ ކަންކަން ކަމުގައި ދެކެން.

ގަދަ ދިހައަކުން ޖާގަ ހޯދި ހުރިހާ ދަރިވަރުންނަށް މަރުހަބާ. ފަހުރުވެރިވޭ." އިނގިރޭސި ވިލާތުން މަތީ ތައުލީމު ހާސިލުކޮށްފައިވާ، އަލީ ވިދާޅުވި އެވެ.

މިއަހަރު ގައުމީ ގަދަ ދިހައެއްގައި ކުޅުދުއްފުށީ ސްކޫލުތަކުގެ 32 ދަރިވަރަކު ހިމެނުނެވެ. އަދި ބައެއް ސްކޫލްތަކުން ރެކޯޑް މިންވަރަކަށް ނަތީޖާ ރަނގަޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355