ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ބާއްވާ ދެވަނަ ތިލަދުންމަތީ އިންޓަ ސްކޫލް ދެވަނަ ސްވިމިން މުބާރާތް ކުޅުދުއްފުށީގައި ފަށައިފި އެވެ.
'ރަށްމަތިފަނުން' ޓްރެކް ސަރަހައްދުގައި ކުރިއަށްދާ މި މުބާރާތުގެ އިވެންޓްތައް މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާއިރު ރަސްމީކޮށް މުބާރާތް ފެށީ މިއަދު ހަވީރު އެކަމަށްޓަކާ އެ ސަރަހައްދު ބޭއްވި ރަސްމިއްޔާތުގަ އެވެ. މުބާރާތް ފައްޓަވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ، އިތުރު ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ ސިއްހަތަށާއި ވިސްނުމުގެ ބާރުގަދަވާ ކަމަށާއި ދަރިވަރުން މިފަދަ ހަރަކާތްތަކުގައި ގިނައިން ބައިވެރިވެ ހަރަކާތްތެރިކޮށް އުޅުމަށް ޑެޕިއުޓީ މޭޔަރު ބާރުއެޅުއްވި އެވެ.
ފަލަބަލި ކުދިންގެ ތެރެއިން އާންމުވެފައިވާ މިދުވަސްވަރު މި ފަދަ ކުޅިވަރު ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި އޭނާ ވާހަކަދެއްކެވި އެވެ. ޑެޕިއުޓީ މޭޔަރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް މިފަދަ މުބާރާތްތައް ސިޓީގައި ކުރިއަށްގެންދާނެ ކަމަށާއި އަހަރުން އަހަރަށް މުބާރާތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްވެސް މަސައްކަތްކުރާނެ ކަމަށެވެ.
މިއަހަރުގެ މުބާރާތުގައި 16 ސްކޫލަކުން 420 އަށްވުރެ ގިނަ ކުދިން ވާދަކުރާނެކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ އޯގަސްޓް 26 - 31 އަށް، ރަށްމަތިފަނުން ސަރަހައްދުގަ އެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވާ ސްކޫލްތައް
އަފީފުއްދީން ސްކޫލް
ށ ފުނަދޫ ސްކޫލް
ހަނިމާދޫ ސްކޫލް
މަކުނުދޫ ސްކޫލް
ހއ އަތޮޅު ތައުލީމީ މަރުކަޒު
ށ އަތޮޅު ތައުލީމީ މަރުކަޒު
ޅައިމަގު ސްކޫލް
ނޭކުރެންދޫ ސްކޫލް
ނޮޅިވަރަންފަރު ސްކޫލް
ށ އަތޮޅު މަދަރުސާ
ވަށަފަރު ސްކޫލް
ނައިވާދޫ ސްކޫލް
އިހަވަންދޫ ސްކޫލް
ހދ އަތޮޅު މަދަރުސާ
ހދ އަތޮޅު ތައުލީމީ މަރުކަޒު
ޖަލާލުއްދީން ސްކޫލް
ސްވިމިން އެސޯސިއޭޝަން ބުނީ، މިއަހަރުގެ މުބާރާތުގައިވެސް ތިލަދުންމަތީގެ ސްކޫލްތަކުން ރަނގަޅު ތަރުހީބެއް ލިބިގެންގޮސްފައިވާ ކަމަށެވެ. މިއަހަރުގެ ސްވިމިން އިވެންޓްތައް ކުރިއަށްދާނީ ހެނދުނާއި ހަވީރެވެ.