twitterviber whatsapp telegramfacebookyoutube instagram
19th September 2024

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި

ނަބީލާ އިސްމާޢީލް
Aug 29, 2024

ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުއްދަ ނުދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، 13 ޖޫން 2024 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިއާރަތްކުރައްވައި، ވަޒީރުން މަޖިލީހުގެ މި ނިންމެވުމަށް އަމަލު ނުކުރައްވާގޮތަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާކަމަށެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މި ނިންމެވި ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން' އާއި، އަދި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދިނުމަށް ރައީސް ނިންމެވިއިރު ޕީއެންސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޭނު މަސްވެރިކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ލޭނު މަސްވެރިކަމުން ވަރަށް ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިގެންދާނެ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ނިންމާލުމަށްފަހު އަންނަ ފެބްރުއަރީމަހު ލޭނު މަސްވެރިކަމަށް ހުޅުވާލާނޭކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

"ފެބްރުއަރީގައި އަޅުގަނޑުމެން މި ގަސްތުކުރަނީ ލޯންގް ލައިން ފިޝަރީޒްއަށް ހުޅުވާލަން. މި ދޭތެރޭގައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ހަމަ ހުރިހާ ސްޓޭކް ހޯލްޑަރުންނާއި މަސްލަހަތުވެރިންނާއި އެކީގައި މަސައްކަތް ކުރަމުން އަޅުގަނޑުމެން މިދަނީ. ލޭނު މަސްވެރިކަމަށް ހުޅުވާލާއިރު އެކުލަވާލި ގަވާއިދު އާންމުންގެ ހިޔާލާއެކު ވީހާ ވެސް ރައްކާތެރިކޮށް، ގިނަ ދިވެހިންނަށް އެކަމުގައި ހަރަކާތްތެރިވެވޭނެ ގޮތަށް ބައްޓަން ކުރާނަން" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް މި ބައްދަލުވުގައި ވިދާޅުވީ ލޭނު މަސްވެރިކަމާއެކު ދައުލަތުގެ އާމްދަނީއަށް 120 މިލިއަން ޑޮލަރަށް އިތުރު ކުރެވޭނެކަމަށް އަންދާޒާ ކުރެއްވޭކަމަށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލާއިރު ގަވާއިދާ ހިލާފަށް މަސްވެރިކަން ނުކުރެވޭވަރަށް މޮނިޓަރ ކުރާނެކަމަށެވެ. އެގޮތުން ވުޒާރައިން ކަނޑައަޅާ ބަނދަރަކުން ފުރައި އެ ބަނދަރަކަށް ލެފުމާއި، ފުރުމުގެ ކުރިން ޑިޕާޗަރ ކްލިއަރެންސްދޭގޮތަށް ހެދުމާއި، ދޯނިތަކުގައި ކެމެރާ ހަރުކުރުން ލާޒިމުވާނެއެވެ.

ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ކަނޑު ރޯދިން ނަފާ އިތުރު ކުރުން ކަމަށެވެ. އެގޮތުން މެރިން ކަލްޗަރ ވަކި ސިނާއަތެއް ގޮތަށް ކޮމާޝަލް ސްކޭލްއެއްގައި ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

ނަމަވެސް މިއަދު ރައީސް މި ވަނީ ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމާފަ އެވެ. ރައީސް އޮފީހުން ބުނީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލު ހޯދައިދެވޭނެގޮތަށް ކަމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ގައުމަށް ގެނަސްދިނުމަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355