twitterviber whatsapp telegramfacebookyoutube instagram
19th September 2024

ފެތުމުގެ ވަސީލަތެއް ނެތް، އެކަމަކު ފެނިގެންދިޔައީ ހުނަރުވެރި މޮޅެތި ފެތުންތެރިތަކެއް

އަބްދުލް ވާހިދު ޙަސަން
Aug 31, 2024

ފެތުމުގެ ވަސީލަތެއް ނެތް ގިނަ ރަށްތަކުންވެސް ފެނިގެންދިޔައީ ހުނަރުވެރި މޮޅެތި ފެތުންތެރިންތަކެއްކަމަށް ވިދާޅުވެ ތިލަދުންމަތީ ފެތުމުގެ ދެވަނަ މުބާރާތުގައި ބައިވެރިވި ފެތުންތެރިންނަށް ސްވިމިން އެސޯސިއޭޝަނުންގެ ނައިބު ރައީސް ތައުރީފްކުރައްވައިފި އެވެ.

ތިލަދުންމަތީ ސްކޫލްތަކުގެ ދެވަނަ ފެތުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްވިމިންގ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް (އިއްސެ) ވިދާޅުވީ، މި ސަރަހައްދުގައި ސްވިމިންގ ޕްލެޓްފޯމެއްވެސް އޮންނަނީ ދެ ރަށެއްގައި ކަމަށާއި އެކަމަކު ސްވިމިންގެ އެއްވެސް ވަސީލަތެއް ނެތި ދަރިވަރުން ހޯދީ ހައިރާންކުރުވަނިވި ނަތީޖާތަކެއް ކަމަށެވެ.

އިއްސެ ވިދާޅުވީ، ސްވިމިން ޕްލެޓްފޯމެއްވެސް ނެތި އަދި ރަނގަޅު ފެންވަރުގެ ކޯޗުންވެސް ނެތި މި ފެތުންތެރިން ތައްޔާރުވީ ދަތިހާލުގައި ކަމަށެވެ. އެކަމަކު މުބާރާތް ބަލަމުންދިޔައިރު ފެނިގެންދިޔައީ ހުނަރުވެރި މޮޅު ފެތުންތެރިންތަކެއްކަމުގައި އޭނާ ވިދާޅުވި އެވެ.

"ތި ހުރިހާ ކުދިންވެސް މުބާރާތުން ދެއްކި ކުރިއެރުން ފެނިފައި ތިޔަ ކުދިންނަށް ހަމަ ސެލިއުޓްކުރަން." ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުޅިވަރާ ބެހޭ މިނިސްޓްރީން ރަށްރަށުގެ ފެތުމުގެ ވަސީލަތް ގާއިމުކުރުމަށް ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުންދާ ކަމަށެވެ.

ކުރިއަށްއޮތްތަނުގައި މިސަރަހައްދުގައި ބާއްވާ ފެތުމުގެ މުބާރާތްތައް ހަރުދަނާކޮށް ކުރިއަށްގެންދިޔުމަށް ކޯޗުން ތަމްރީންކުރުމުގެ މަސައްކަތްކުރާނެ ކަމަށާއި އެހެންވުމުން ކުދިންނަށް ފެންވަރު ރަނގަޅު ކޯޗުން ލިބި، މިހާރަށްވުރެ ރަނގަޅު ތަމްރީންތަކެއް ލިބިގެންދާނެކަމަށެވެ.

އިސްމާއިލް ވިދާޅުވީ، ކޮންމެ ކުއްޖަކަށްވެސް ފެތުމުގެ ކުޅިވަރުން ރާއްޖެ ތަމްސީލްކޮށް ގައުމަށް ހިދުމަތްކުރުމުގެ ފުރުސަތު އޮތް ކުއްޖެއްކަމަށާއި މި މުބާރާތުގެ ތެރެއިން ފާހަގަވި ހުނަރުވެރި ކުދިންނަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރާނެކަމަށް ވިދާޅުވި އެވެ.

ފެތުމުގެ މި މުބާރާތް ކުރިއަށްގެންދިޔުމުގައި ސިޓީ ކައުންސިލުން ފޯރުކޮށްދެއްވި އެހީތެރިކަން ފާހަގަކޮށް މޭޔަރަށާއި ކައުންސިލަރުންނަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355