ރަށްރަށުގައި ބޭނުންކުރުމަށް ސްވިމިންގ ޓްރެކް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބުދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި ކުރިއަށްދިޔަ ތިލަދުންމަތީ ސްކޫލްތަކުގެ ފެތުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، ރަށްރަށް ބޭނުންވާ ސްވިމިންގ ޓްރެކް ގެނައުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ.
އެ ޓްރެކްތައް ރާއްޖެ ގެނެސް އެ ތަކެތި ރަށްތަކަށް ފޮނުވުމަށް އެސޯސިއޭޝަނާވެސް ވާހަކަދެއްކި ރަށްތައް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ޓްރެކްތައް މާގިނަ ދުވަސްތަކެއް ނުވެ ރާއްޖެ ގެނެވި ރަށްތަކަށް ފޮނުވާލެވޭނެކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ، ސްވިމިން ޓްރެކް ފޮނުވާ ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށިވެސް ހިމެނޭ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިފަދަ ބޮޑެތި މުބާރާތްތައް ކާމިޔާބުކަމާއެކީ ނިންމާލެވޭނީ ސިޓީ ކައުންސިލާއި ރައްޔިތުންގެވެސް ވަރަށް ބުރަ މިންނެތް މަސައްކަތުން ކަމަށާއި އެހެންކަމުން ރައްޔިތުންނަށާއި މޭޔަރަށް ވަޒީރު ޝުކުރުއަދާކުރެއްވި އެވެ.
ބޮޑެތި މުބާރާތްތައް ބޭއްވުމުގައި ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކާއި އެކުވެރިކަން އެއީ މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެ އެކުވެރިކަން ކުޅުދުއްފުށިން ދައްކައިދީފި ކަމަށެވެ.
މިއީ ވަޒީރު ރާފިއު މި ނުވަ މަސްތެރޭގައި މިއީ ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. ފުރަތަމަ ވަޑައިގެންނެވީ ބީޗް ގޭމްސް މުބާރާތަށެވެ. އެ މުބާރާތަކީ ޑަބުލިއު ސްޕޯޓްސް އިން އިސްނައިގެން ބާއްވާ ވަރަށް ފޯރިގަދަ މުބާރާތެކެވެ. ވަޒީރު ވިދާޅުވީ، ކުޅުދުއްފުއްޓަކީ ބައިނަލްއަގްވާމީ މުބާރާތްތައްވެސް ބާއްވަން ދޮންވެ ފައްކާވެފައި އޮތް ރަށެއްކަމަށެވެ. އެކަން ބީޗް ގޭމްސް ބޭއްވިއިރުވެސް ފާހަގަވިކަމަށް ވަޒީރު ވިދާޅުވި އެވެ.