twitterviber whatsapp telegramfacebookyoutube instagram
17th September 2024

ރޭސިންއަށް ދީފައި އޮތް ހުއްދަ ބާތިލުކޮށް، ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސް އަންގަވައިފި

ނަބީލާ އިސްމާޢީލް
Sep 7, 2024

ހުޅުމާލޭގެ ވަކި ސަރަހައްދެއްގައި ރޭސިން އަދި ޑްރިފްޓިންއަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދީފައިވާ ހުއްދަ ބާތިލްކޮށް، އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފިއެވެ.

ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި، މުހިންމު 8 ކަމެއް ތަންފީޒުކުރަން ފަށަން، ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ރައީސްއަންގަވައި، އެކަންކަން ހާމަކުރައްވައިފައިވަނީ ހުޅުމާލޭގައި ކާރަކުން ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު ނިޔާވުމުގެ ހިތާމަވެރި ހާދިސާއަށްފަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ އެންގެވި މުހިންމު 8 ކަމަކީ؛

  • މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި، ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
  • ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކިސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަވަގުތުން ބާތިލުކުރުން.
  • ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.
  • ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން.
  • އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
  • ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުން.
  • ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފެށުން.
  • މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.

ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅެމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓަރ ކުރެވޭނެކަމުގައި ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި، މުއައްސަސާތަކަށް މިއަދު އެންގެވި ކަންކަން ތަންފީޒުކުރުމަށް ނިންމެވީ ގަވާއިދާ ހިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދުފަހަރު ކޮންޓްރޯލްކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްކަން ފާހަގަކުރައްވާފައިވެއެވެ.

އަދި އުޅަނދަށް ބަދަލުގެނެސްގެންނާއި، އުޅަނދުގެ ބާވަތުން ދުއްވާއިރު ބާރުއަޑު އިވޭ އުޅަނދުތައް ބޭނުންކޮށްގެން، އުޅަނދުފަހަރުން ނުކުންނަ ގަދަ އަޑަކީ އާއްމު އުނދަގުލަކަށްހެދުން ހުއްޓުވައި، އާއްމުރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަކީވެސް މި އެންގެވުންތައް ތަންފީޒުކުރަން ޖެހޭ ސަބަބެއްކަން ފާހަގަކުރައްވާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355