twitterviber whatsapp telegramfacebookyoutube instagram
19th September 2024

ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ ދެނީ

ނަބީލާ އިސްމާޢީލް
Sep 15, 2024

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ދީނީ އަދި އިޖުތިމާއީ ޖަމިއްޔާތަކުން ކުރާ ދީނީ ކަންކަމަށް، މާލީ އެހީ ދޭން ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ދީނީ، އިޖްތިމާއީ ޖަމްއިއްޔާތަކުގެ މަހާސިންތާ 2024 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ޖަމިއްޔާތަކަށް ފައިސާ ދޫކުރަން ނިންމާފައިވާކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ، އިސްލާމީ މަރުކަޒުގައި މިއަދު ފެށި ބައްދަލުވުމުގައި އެކަމާ ގުޅޭ އެއްބަސްވުން ގާއިމް ކުރާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި އެކިއެކި ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކަށް މާލީ ގޮތުން ވެސް އެހީތެރިކަން ދެވެން އޮތް މިންވަރަކުން މިނިސްޓްރީގެ ފަރާތުން އެހީތެރިވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ޝަހީމް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ދީނީ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކުން މާލީ ގޮތުން އަދި ވަސީލަތް ހޯދުމަށް އިސްލާމިކް މިނިސްޓަރީން އެހީތެރިކަމަށް އެދެމުންދާކަމަށާއި، އެކަން ވަކި ނިޒާމެއްގެ ތެރެއިން ގާއިމުކުރަންޖެހޭކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ އަދި އިޖުތިމާއީ މަސައްކަތްތައް ކުރަމުން އަންނަ ޖަމްއިއްޔާތަކަށް އަމާޒުކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޭއްވި މަހާސިންތާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މުހިންމު ގިނަ ހިދުމަތްތަކެއް ކުރާ ޖަމްއިއްޔާތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި އެފަދަ ޖަމްއިއްޔާތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރަންޖެހޭކަމަށް މިނިސްޓަރ ވިިދާޅުވިއެވެ.

މިގޮތުން މިހާރުވެސް ބައެއް ރަށްރަށުގައި ކީރިތި ގުރުއާން ކިޔަވައިދޭ ހާއްސަ ކުލާސްތަކެއް ނެތް ރަށްރަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ނުކުރެވޭ އެތައް ރަށެއް އޮތްކަން ފާހަގަކުރެއްވިއެވެ. އެފަދަ ރަށްރަށުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތައް އުފައްދަވާ ނުވަތަ އެކަމަށް ބާރު އެޅުމާއި މިހާރު ހަރަކާތްތެރިވަމުންދާ ޖަމްއިއްޔާތައް ބާރުވެރިކުރުވުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި ޖަމްއިއްޔާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވުޒާރާގެ ފަރާތުން މަސައްކަތްކުރާނެކަމަށާއި، މާލީގޮތުން ޖަމްޢިއްޔާތަކަށް އެހީވުމަށް ވުޒާރާގެ ބަޖެޓުން ހޭދަކުރެވޭނެ މިންވަރެއް ކަނޑައަޅައި އެކަންކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވަރަށް ގިނަ ޖަމްއިއްޔާ އެބަހުރި ވަރަށް ހިދުމަތްތެރި. ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ. ސަރުކާރުން މަސައްކަތްކުރަމުންދަނީ އިންތިޒާމުތަކެއްގެ ތެރެއިން ދީނީ ކަންކަން ހަރުދަނާކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް." މިނިސްޓަރު ވިދާޅުވިއެވެ.

ދީނީ އަދި އިޖުތިމާޢީ ޖަމްއިއްޔާތަކާއެކު ބޭއްވި ބައްދަލުވުމުގައި ހާޒިރުވެގެން އަދި އޮންލައިންކޮށް ރާއްޖޭގައި ހަރަކާތްތެރިވާ 70 ޖަމްއިއްޔާއަކުން 98 މަންދޫބުންވަނީ ބައިވެރިވެފައެވެ.

މިބައްދަލުވުމުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މިހާރު މަސައްކަތްކުރަމުންދާގޮތާއި، ދީނީ ދައުވަތު ފެތުރުމުގެ މަސައްކަތް މިހާރަށްވުރެ ރަނގަޅުކުރުމަށް ބޭނުންވާ ބަދަލުތައް ދެނެގަތުމާއި، ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ދީނީ ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭ މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު މިބައްދަލުވުން ނިމިގެންދާއިރު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ޖަމްއިއްޔާތަކާއެކު މިނިސްޓަރީން އެއްބަސްވުމެއް ގާއިމުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355