ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނޮލެޖް ސެންޓަރެއް ގާއިމުކޮށް އެތަނުގައި ހެދި އާންމު ކުތުބުޚާނާ ހުޅުވައިފި އެވެ. އެކަމަށްޓަކާ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އާންމު ކުތުބުޚާނާ ހުޅުވައިދެއްވީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ މުހައްމަދު އުމަރެވެ.
ފޮތްތެރިކަމާއި ފޮތްކިޔުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި މިރަސްމިއްޔާތުގައި ޑރ މުހައްމަދު އުމަރު ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން ހަރުދަނާ މުޖުތަމައުއެއް ބިނާކުރުމުގައި ކުތުބުޚާނާތައް އަދާކުރާ ދައުރުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.
މިރަސްމިއްޔާތުގައި މޭޔަރު އާތިފް އާއި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު އަދި ކައުންސިލް މެންބަރުންނާއި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަހުމަދާއި ޕްރިންސިޕަލުންނާއި އަތޮޅު ކައުންސިލް މެންބަރުން އަދި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މޭޔަރު މުހައްމަދު އާތިފްގެ ވަރަށް ބޮޑު އިސްނެންގެވުމަށް ގާއިމުކުރި މި ނޮލެޖް ސެންޓަރުގެ ކުތުބުޚާނާ ޑިޒައިން ކުރުމުގައިވެސް މޭޔަރުގެ ދައުރު ބޮޑެވެ. މީގެ އިތުރުން ކުތުބުޚާނާގެ ޑިޒައިނިންގ ގައި މެންބަރު ރިލްވާން މުހައްމަދުވެސް އުޅުއްވި އެވެ. މި ނޮލެޖް ސެންޓަރަށް ސިޓީ ކައުންސިލް ބަޖެޓުން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. މި ނޮލެޖް ސެންޓަރުގައި ކުތުބުޚާނާގެ އިތުރުން ދެ ސްޓަޑީ ރޫމަކާއި ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ވެލްނެސް ރޫމެއްވެސް ގާއިމުކޮށްފައިވެ އެވެ.
ވެލްނެސް ރޫމްގެ ބޭނުމަކީ ނަފުސާނީ މައްސަލަތައް ތަހައްމަދުކުރަމުންދާ ފަރާތްތަކުގެ އޮންލައިން ތެރެޕީ ނުވަތަ ކޮންސަލްޓޭޝަންތަކަށެވެ. ސްޓަޑީ ރޫމާއި ވެލްނެސް ރޫމް ދޫކުރަން ހަމަޖެހިފައިވަނީ ހިލޭ އެވެ.
2000 އަށްވުރެ ގިނަ ފޮތާއެކު ހުޅުވި މި ކުތުބުޚާނާއަށް ފޮތް ގަތުމަށް ސިޓީ ކައުންސިލުން 63،000 އަށްވުރެގިނަ ރުފިޔާ ހަރަދުކުރި އެވެ. މީގެ އިތުރުން ވިޔަފާރިތަކާއި ހައިކޮމިޝަންތަކާއި ބައެއް އިދާރާތަކާއި އަދި އާންމުވެސް މި ކުތުބުޚާނާއަށް ފޮތް ހަދިޔާކުރި އެވެ.
- މެމްބަރަކަށްވުމަށްޓަކައި ކޮންމެ ފަރާތަކުންވެސް "ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީގެ މެންބަރަކަށް ވުމަށް އެދޭ ފޯމު" އަދި ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި ހަމަކުރުމަށްފަހު ލައިބްރަރީއަށް ހުށައަޅަންވާނެއެވެ. މެންބަރޝިޕް ހެއްދޭނީ މަދުވެގެން 3 މަހުގެ މުއްދަތަށެވެ. 18 އަހަރުން ދަށުގެ ކުދިންނަށް މެންބަރަކަށް ވުމަށް އެއްވެސް ފީ އެއް ނުނެގޭނެއެވެ.
- 18 އަހަރުން މަތީގެ ފަރާތްތައް މެންބަރަކަށް ވުމަށް ރެޖިސްޓރޭޝަން ފީ އެއްގެ ގޮތުގައި ފަންސާސް ރުފިޔާ (-/50 ރުފިޔާ) އަދި މެންބަރޝިޕް ފީ އެއްގެ ފޮތުގައި މަހަކަށް ފަނަރަ ރުފިޔާ (-/15 ރުފިޔާ) ގެ ރޭޓުން ކުރިއަށް އޮންނަ 3 މަހަށްވާ މެންބަރޝިޕް ފީގެ ގޮތުގައި ސާޅީސް ފަސް ރުފިޔާ (-/45 ރުފިޔާ) ދައްކަންވާނެއެވެ.
- މެންބަރޝިޕް ހެއްދޭނީ ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ފަންސާސް ރުފިޔާގެ (-/50 ރުފިޔާ) އިތުރުން ކުރިއަށް އޮންނަ 3 މަހަށްވާ މެންބަރޝިޕް ފީގެ ގޮތުގައި ސާޅީސް ފަސް ރުފިޔާ (-/45 ރުފިޔާ) ދެއްކުމަށްފަހުގައެވެ. އަދި 3 މަސްވުމަށްފަހު ޖެހިގެން އޮންނަ 3 މަހަށްވާ މެންބަރޝިޕް ފީ (-/45 ރުފިޔާ) ނުދައްކާނަމަ މެންބަރޝިޕް ކެންސަލްވާނެއެވެ.
- ކަލަންޑަރު މަހުގެ ކޮންމެ ހިސާބަކުން މެންބަރޝިޕް ހެއްދި ކަމުގައިވާނަމަވެސް އެ މަހަށް މެންބަރޝިޕް ފީ އެއްކޮށް ނަގަންވާނެއެވެ.
ކުތުބުޚާނާ ހުޅުވިފައިހުންނާނީ ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 - 15:00 އަށެވެ. އަދި 16:00 - 22:00 އަށެވެ. ހޮނިހިރުދުވަހު ހުޅުވިފައިހުންނާނީ ހެނދުނު 9:00 - 15:00 އަށެވެ. އާންމު ކުތުބުޚާނާގެ ފޯނު ނަންބަރަކީ 6527181 އެވެ.