ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދު ސިންދިފާތު ކުރުމަށް މާލީ އެހީތެރިކަން ކޮންމެހެން ވެސް ބޭނުންވާ ކަމަށާއި ކުދި ގައުމުތަކަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ދަރަނީގެ ގޮތުގައި ދައްކަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން އެ ބައްދަލުވުމުގެ ކުރިން ބޭއްވި ސްމޯލް އައިލެންޑްސް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސިޑްސްގެ ގައުމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ގައުމުތަކުން ދައްކަން ޖެހޭ ދަރަނި އިތުރުވުން ކަމަށެވެ. ދަރަނި ދެއްކުމުގައި ހުރި ގޮންޖެހުންތަކަކީ ރާއްޖެއަށް އާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
"ސިޑްސްގައި ހިމެނޭ ގައުމުތަކުގެ ތެރެއިން %40 ގައުމުތައް ވަނީ ދަރަނީގެ ހާސްކަމުގައި. ރާއްޖެ ހިމެނޭހެން، ކުދި ޖަޒީރާ ގައުމުތަކުން ދަރަނީގެ ނިސްބަތް ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން %100 ވުރެ މަތީގައި. މި ތަފާސް ހިސާބުތަކާ އެކުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ކުދި ޖަރީޒާ ގައުމުތަކުން ދަރަނި އަދާކުރުމުގައި ލުއި، ފަހި ފުރުސަތުތަކެއް ހޯދައި ދޭން ޖެހޭ ކަން ފާހަގަ ކުރައްވައިފައެވެ. އަދި އެކަމުގައި ބައެއް ހައްލުތައް ވެސް އެމަނިކުފާނު ވަނީ ހުށަހަޅުއްވައިފައެވެ.
ސިޑްސްގެ ގައުމުތަކުގެ އިގްތިސާދުތައް ބަރޯސާވެފައިވަނީ ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ މަދު ސިނާއަތެއްގެ މައްޗަށް ކަމަށާއި އިގްތިސާދު ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އިގްތިސާދު ސިންދިފާތު ކުރުމަކީ ހަމައެކަނި ހާސިލުކުރަން އޮތް އަމާޒެއް ނޫނެވެ. އެއީ ސިޑްސްގެ ގައުމުތައް ދެމިއޮތުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެކަން ކުރެވޭނީ ގައުމުތަކުގެ އުފެއްދުންތެރިކަން އިތުރުކޮށްގެން ކަމަށާއި ސިޑްސްގެ ގައުމުތަކަކީ މަލީގޮތުން ފުދުންތެރި، އިގްތިސާދީގޮތުން ކުރިއަރާފައިވާ އަދި ވިލުންތެރި ގައުމުތަކަކަށް ހަދަންޖެހޭ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"އިގްތިސާދު ސިންދިފާތު ކުރުމަށް މާލީ އެހީތެރިކަން ބޭނުންވޭ. ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ދައްކަނީ ނަގާފައި ހުރި ދަރަނިތަކަށް. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ އިގްތިސާދު އޮންނަން ޖެހެނީ އަބަދުވެސް ހާސްކަމެއްގައި،" ދަރަނީގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ވެސް ހުރަސް އެޅިފައިވާ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވިއެވެ.
"ދަރަނި ދެއްކުން ލުއި ކުރުމަށް އިންޓަރެސްޓް ރޭޓް ދަށްކުރުމާއި ފައިސާ ދެއްކުމުގެ މުއްދަތު އިތުރު ކުރުމަކީ ކުރެވިދާނެ ކަމެއް. ނޫނީ ލޯން ރީސްޓްރަކްޗާ ކުރުމަކީ ވެސް މިކަމުން އަރައިގަނެވޭނެ ކަމެއް."
މީގެއިތުރުން މަލްޓިލެޓްރަލް ޑިވެލޮޕްމެންޓް ބޭންކް (އެމްޑީބީ) އާއި އިންޓަނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޓް (އައިއެފްއައި) އާ ގުޅިގެން ކުދި ގައުމުތަކުގެ އިގްތިސާދު ފުޅާވާނެ ގޮތްތައް ހޯދައި، ބްލޫ އަދި ގްރީން ބޮންޑާއި ކޮންސެޝަނަލް ލޯނުތައް ފަސޭހައިން ހޯދޭނެ ގޮތްތައް ފަހިވެފައި އޮތުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
ސިޑްސްގެ ގައުމުތަކަށް ކުރިމަތިވެދާނެ ބޭރުގެ ލޮޅުންތައް ކުޑަކޮށް މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ސްޕެޝަލް ޑްރޮވިންގ ރައިޓްސް އަލުން އެކަށައެޅުމަށް ރައީސް ޑރ. މުއިއްޒު ވަނީ ހުށަހަޅުއްވައިފައެވެ. މިގޮތުން މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކާއެކު ގާތް ގުޅުމެއް ބޭއްވުމުގެ ތެރެއިން އިތުރު އިންވެސްޓްމަންޓްތަކާއި އިގްތިސާދީ އެކިއެކި ފުރުސަތުތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ރައީސްގެ ވާހަކަފުޅު އަލިއަޅުއްވާލެއްވިއެވެ.
މިއީ ރައީސް ޑރ. މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން ރަސްމީކޮށް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ބައްދަލުވުމެވެ.
މި ސައިޑް އިވެންޓް ކޯ-ޗެއަރ ކުރަނީ ދިވެހިރާއްޖެ، އެންޓީގާ އެންޑް ބާބިޔުޑާ އަދި ނިއުޒިލޭންޑްގެ އިތުރުން އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް (އައި.އައި.އީ.ޑީ) އަދި ޔުނައިޓެޑް ނޭޝަންސް ޑިޕާރޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒެވެ.